ގެމަނަފުށި މަސްވެރިން ދޯނިމަތީގައި އެކުޅެނީ ފުޓްސަލް، މަޖަލެއް ނޫންތަ؟!

ގެމަނަފުށި މަސްވެރިން ދޯނިމަތީގައި ފުޓްސަލްމެޗެއް ކުޅެނީ --- ފޮޓޯ/ ގެމަނަފުށި މަސްވެރިން ޕޭޖް

މަސްވެރިން ދޯނީގައި ކައްކާ ކައި ހަދަ އެވެ. ފަހަކަށް އައިސް ލަވަ ޖަހާ ނަށައ ިވެސް ހަދަ އެވެ. ބަހުސްކޮށް ސަކަރާތް ވެސް ޖަހަ އެވެ. އެކަމަކު މަސްވެރިން ދޯނީގައި ފުޓްސަލް ނުވަތަ ފުޓްބޯޅަ ކުޅެނިކޮށް ފެނުނު ހެއްޔެވެ. މިހާރު މިއޮތީ އެމަންޒަރު ފެންނާށެވެ.

ގަމަނަފުށީ މަސްވެރިން ދޯނި މަތީގައި ޓީމު ބަހައިގެން އެކުޅޭނީ ފުޓްސަލް އެވެ. ރަސްމީ މެޗްތައް ފަށާ އުސޫލުން ޝަރަފުވެރި މެހެމާނަކު މެޗުތައް ފައްޓައި ދިނެވެ. އެއީ ކާކާތޯ އެ ދޯނީގައި މަސްވެރިއަކަށް އުޅޭ ހަސަން ސާޖީ، 19 އާ ސުވާލު ކޮށްލުމުން އޭނާ ބުނީ އެއީ ދޯނީގެ ކެޔޮޅު ކަމަށެވެ.

ދޯނީގެ ކެޔޮޅު މެޗް ޝަރަފުވެރި ކޮށްދެއްވަނީ -- ފޮޓޯ/ ގެމަނަފުށި މަސްވެރިން ޕޭޖް

ސާޖީ ދެކޭގޮތުން ބޮޑެތި ދޯނި ފަހަރުގައި ފޫހިވެގެން ކަމެއް ނެތިފައި ނިދަން ތިބޭނެ ކަމެއް ނެތެވެ. މަސް ނުބާނައި ތިބެން ޖެހޭ ވަގުތުތަކުގައި ފުޓްސަލް ކުޅުން ކަހަލަ ކަމެއް ކުރެވިދާނެ އެވެ. އެ ދޯނީގައި ކުރަހާފައި އެވާ ފުޓްސަލް ދަނޑުގެ ދިގުމިނުގައި 25 ފޫޓު ހުންނާނެ ކަމަށް ސާޖީ ބުންޏެވެ.

ޓީމު ބަހާފައި ވަނީ ދުވަސްވީ މީހުންގެ ޓީމަކާއި ޒުވާނުންގެ ޓީމަކަށެވެ. ދޯނިން ބޭރަށް ކަނޑަށް ބޯޅަ ވެއްޓިދާނެތީ ވަށައިގެން ހުރީ އެންދަމަން ގެންގުޅޭ ދާތައް ދަމައިފަ އެވެ.

އަދި އެމީހުން ފުޓްސަލް މެޗުގައި ސީރިއަސް ވަރު ވެސް ފެނުނެވެ. ކުޅުން ތެތިއަކަށް ރަތްކާޑެއް ދައްކާފައި ރެފްރީ ދަނޑުން ފައިބަން ބުނުމުން އެއޮށްވީ ގޮތެއް ތާ އެވެ. ހުރިގޮތަށް ބިމަށް ތިރިވެ ބޮލުގައި އެޅީ އަތެވެ. ސީރިއަސް ފުޓޫބޯޅަ މެޗެއްގައި ވެސް އެހާ ސީރިއަސް މަންޒަރެއް ފެންނާނެ ކަމެއް ނޭނގެ އެވެ.

ގެމަނަފުށި މަސްވެރިން ދޯނިމަތީގައި ފުޓްސަލްމެޗެއް ކުޅެނީ --- ފޮޓޯ/ ގެމަނަފުށި މަސްވެރިން ޕޭޖް

ސަޖީ ބުނާ ގޮތުން ހިތް ހަމަޖެހިލައިގެން ނޫޅެންވީ ސަބަބެއް ނެތެވެ. މަސްވެރިކަން ކުރުމަކީ އެހާ އުފާވެރި ކަމެކެވެ. މިހާރު އެން ނުލިބޭތީ އެންދަމަން ދާން ޖެހެނީ، ރަށާ ވަރަށް ދުރަށް ކަމަށް ސާޖީ ބުންޏެވެ. އެހެންކަމުން މަހެއްގެ ހަތަރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއް ކަނޑުމަތީގައި އުޅޭ އިރު ފުޓްސަލް ކުޅުން ކަހަލަ މަޖާ ކަންތައް ކުރުމަކީ ހިތްހަމަ ޖެހުން ލިބޭ ކަމެއް ކަމަށް ސާޖީ ބުންޏެވެ.

މަސްވެރިކަން ކުރުމަކީ ވަރަށް ހުތުރު ކަމެކޭ ބައެއް ޒުވާނުންނަށް ހީވެދާނެ އެވެ. އެކަމަކު 19 އަހަރުގެ ސާޖީގެ ވާހަކާގައި ހުރި ޖޯޝާއި ފޯރި ޒުވާނުން މަސްވެރިކަމަށް ދިއުމަށް މަގުފަހި ކޮށްދޭނެ ކަން ޔަގީނެވެ.

ގެމަނަފުށި މަސްވެރިން ދޯނީގައި ކަނީ -- ފޮޓޯ ގެމަނަފުށި މަސްވެރިން ޕޭޖް

"ދޯނި މަތީގައި އެންމެން އެއްކޮށް ކައްކާ، ވާދައަށް ފަރުމަސް ބާނާ، ފަޅުރަށް ރަށަށް އަރާ ފޮޓޯ ނަގާ. އަނެއްކާ އެހާ ރަނގަޅު އާމްދަނީއެއް ލިބޭ. ހަފްތާއަކު 40،000 ގެއަށް ގެންދަން ލިބޭ" ސާޖީ ބުންޏެވެ.

ސާޖީގެ ނަޒަރުގައި ޒުވާނަކު ކުރަން އެހާ ރަނގަޅު މަސައްކަތެއް ނެތެވެ. މާ ބުރައެއްވެސް ނޫނެވެ. މިހާރު ސާޖީ މަސައްކަތް ކުރާ ދޯނީގައި ވެސް ދުވަސްވީ މީހުންނެކޭ އެއްވަރަށް ޒުވާނުން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

ގެމަނަފުށި މަސްވެރިން ދޯނިމަތީގައި ފުޓްސަލްމެޗެއް ކުޅެނީ --- ފޮޓޯ/ ގެމަނަފުށި މަސްވެރިން ޕޭޖް

މިހާރު ސަރުކާރު ވަޒީފާއިން ވަކިވެގެންނާއި ފުލުހުން ކެނޑިގެންނާއި ރިސޯޓުތަކުން ކެނޑިގެން މަސްވެރިކަން ކުރަން އައިސް މީހުން އުޅޭ ކަމަށް ސާޖީ ބުންޏެވެ.

މަސްވެރިކަން ކުރުމަކީ "ރަތް ދައްކާ އަވީގައި ވެހޭހާ ވާރޭގައި" ކުރާ ކަމެކޭ މީހަކު ބުނެ އުޅުނަސް އެޒަމާން ބަދަލުވެއްޖެ އެވެ. މަސްވެރިން އުޅޭނީ ހިތްހަމަޖެހިލައިގެން ކަން ސާޖީގެ ވާހަކަތަކުން އެނގުނެވެ.

comment ކޮމެންޓް