ސަންއާ (އޮގަސްޓް 15): ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު 500،000 އަށް ވުރެ އިތުރުވެ، އެބަލީގެ ސަބަބުން 2،000 މީހަކު މަރުވެއްޖެ އެވެ.
ޔަމަނުގައި ހުންނަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ތަރުޖަމާނު ފަޑީލާ ޗައިބް ވިދާޅުވި ގޮތުގައި ކޮލެރާ އެންމެ ބޮޑަށް ފެތުރުނު ސަރަހައްދުތަކުގައި އެބަލި މިހާރު ފެތުރޭ މިންވަރު މަދުވި ނަމަވެސް، އެބަލި އަދިވެސް ދަނީ ކުރިން ނުފެތުރޭ ސަރަހައްދުތަކަށް ފެތުރެމުންނެވެ.
ރޮއިޓާސްގައިވާ ގޮތުން ޔަމަނުގައި ކޮންމެ ދުވަހަކު 5،000 މީހުންނަށް ކޮލެރާ ޖެހޭ އިރު، މިހާރު އެބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 503،484އަށް އަރައިފަ އެވެ.
ކޮލެރާގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލެވުން ހިމެނެ އެވެ. އަދި އެބައްޔަށް ފަރުވާނުކޮށްފި ނަމަ މީހާ ވަރަށް ބޮޑަށް ބަލިވެ، މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮލެރާ ފެތުރެނީ ތަޣައްޔަރުވެފައިވާ ފެނާއި ކާނާ ބޭނުން ކުރުމުންނެވެ.

ޔަމަނުގެ ވެރިރަށް ސަންއާގެ ހޮސްޕިޓަލެއްގައި ބަލި މީހުންނަށް ފަރުވާ ދެނީ -- ފޮޓޯ: އޭޕީ
ޔަމަނުގައި އޮތް، ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލު ކުރާ ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރާ އިދިކޮޅު ހޫޘީންނާ ދެމެދު ކުރިއަށްދާ ދެ އަހަރުވީ ހަނގުރާމައިގެ ސަބަބުން އެގައުމުގައި ކުނި ނައްތާލުމާއި ސާފު ފެން ސަޕްލައި ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ. އޭގެ ސަބަބުން ކޮލެރާ ހަލުވިކަމާ އެކު ފެތުރުމަށް ވަނީ މަގުފަހިވެފަ އެވެ.
މީގެ އިތުރުން އެހަނގުރާމައިގެ ސަބަބުން ޔަމަނުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ސިއްހީ މަރުކަޒުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފަ އެވެ. އަދި ކޮލެރާ ޖެހޭ މީހުންނަށް ދޭނެ ބޭސް ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ އިރު އެގައުމުގެ 30،000 ހެލްތް ވޯކަރުންނަށް މިއަހަރު މުސާރަ ދީފައި ނުވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ޔަމަނުގައި ކޮލެރާ ފެތުރި، އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވަނީ އެގައުމުގައި ހަނގުރާމަ ކުރާ ދެ ފަރާތުން ބައެއް ސަރަހައްދުތަކަށް ބަންދު ކުރުމާއި އެފަރާތްތަކުން ދޭ ވައިގެ ހަަމަލާތަކުގެ ސަބަބުންނެވެ. (އާރުޓީ)