ގައުމީ އަންހެން ވޮލީ ޓީމު ލަންކާ އަތުން ވެސް ވީ ބަލި

ގައުމީ އަންހެން ޓީމުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން--ފޮޓޯ/ ވީއޭޢެމް

އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމު، އަވަށްޓެރި ސްރީ ލަންކާ އަތުން ވެސް ބަލިވެއްޖެ އެވެ.

ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ އެ މުބާރާތުގައި ގައުމީ އަންހެން ޓީމު ވަނީ މީގެ ކުރިން ތައިލެންޑް ، ޗައިނީސް ޓައިޕޭ، އީރާން އަދި އޮސްޓްރޭލިއާ އަތުން ވެސް ބަލިވެފަ އެވެ.

މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ލަންކާ ގެންދިޔައީ 13-25 ،19-25 އަދި 14-25 އިންނެވެ.

ލަންކާ މެޗުގެ ކުރިން ގައުމީ އަންހެން ޓީމް ކުޅެފައި ވަނީ އީރާނާ އެކު އެވެ. މި މަހުގެ 11 ވަނަ ދުވަހު އީރާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އީރާނުން ގެންދިޔައީ ‎4-25 ،13-25 އަދި 14-25 އިންނެވެ. މިއީ މި އަހަރު މާލޭގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި އީރާންއާ ދެކޮޅަށް ނެރުނު ނަތިޖާއަށް ވުރެ ވެސް ދަށް ނަތީޖާއެކެވެ.

އަދި އޭގެ ފަހުން އޮސްޓްރޭލިއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ގައުމީ އަންހެން ޓީމު ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ދެ ސެޓުގައި ދިހަ ޕޮއިންޓް ނުހޯދުނު ނަމަވެސް ފަހު ސެޓްގައި ގައުމީ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 19 ޕޮއިންޓް ހޯދައިފަ އެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗާއި ދެވަނަ މެޗުން ވެސް ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ތައިލެންޑާ ދެކޮޅަށް ނުކުތްއިރު، އެ މެޗުގެ ސެޓުތައް ތައިލެންޑުން ގެންދިޔައީ 5-25، 12-25 އަދި 9-25 އިންނެވެ. ދެވަނަ މެޗުގައި ޗައިނީސް ޓައިޕޭއާ ދެކޮޅަށް ނުކުތްއިރު، ޓައިޕޭ އިން ސެޓުތައް ގެންދިޔައީ 25-9، 25-8 އަދި 25-10 އިންނެވެ.

ގައުމީ އަންހެން ޓީމަށް ފުރަތަމަ ދެ މެޗު ގެއްލުމާ އެކު އެ ޓީމު މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ. އަދި ރާއްޖެ ހިމެނެނީ މުބާރާތުގައި އެންމެ ދަށް ނަތީޖާ ހޯދި ޓީމްތަކުގެ ތެރޭގަ އެވެ.

comment ކޮމެންޓް