ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ދައްކާލަން މައުރަޒެއް ފަށައިފި

"އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ"ގެ ނަމުގައި ދަރުބާރުގޭގައި ފެށި މައުރަޒުގެ ސްޓޯލެއްގައި ބަޔަކު މަޑުކޮށްލައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭން ބޭރުގެ ކުންފުނިތަކުން އުފައްދާ އޯޒޯން ފަށަލަ އާއި ތިމާވެއްޓާ ރައްޓެހީގެ އުފެއްދުންތައް ދައްކާލުމަށް ހާއްސަ މައުރަޒެއް ރާއްޖޭގައި ފަށައިފި އެވެ.

"އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ"ގެ ނަމުގައި މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މައުރަޒަކީ 2020ގެ ކުރިން އެޗްއެފްސީ (ހައިޑްރޯފުލޮރޯކާބަންސް) ގޭސް ހުއްޓާލުމަށް ކުރަމުން ދާ މަސައްކަތުގެ ދަށުން ފެށި މައުރަޒެކެވެ.

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޑުއުފުލާ އެކަމުގައި ބައިވެރިވާ ގައުމެއް ކަން ފާހަގަކުރައްވާ މިއަދުގެ މައުރަޒާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ، ސީއެފްސީގެ މާއްދާތައް ރާއްޖެ އެތެރެކުރަން އެއްކޮށް މަނާ ކުރެވިފައިވާއިރު، ދެން މަސައްކަތް ކުރަމުން މިދަނީ އެޗްއެފްސީ މަދު ކުރުމަށް ކަމަށެވެ.

"އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ"ގެ ނަމުގައި ދަރުބާރުގޭގައި މިއަދު ފެށި މައުރަޒު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ތޯރިގް މައުރަޒުގެ ސްޓޯލެއް ބައްލަވާލައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ފެށި މައުރަޒަކީ އެޗްއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ކުރިން އޭގެ ބަދަލުގައި ފިނިކުރުމަށް ބޭނުންކުރާ ތިމާވެއްޓާއި ރައްޓެހި ނުވަތަ ގްލޯބަލް ވޯމިން ޕޮޓެންޝިއަލް (ޖީޑަބްލިއުޕީ) ދަށް ގޭސްތަކެއް ބޭނުންކުރާ އާލާތްތަކެއް ތައާރަފްކުރުން ކަމަށް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ދަރުބާރުގޭގައި ކުރިއަށްދާ އެ މައުރަޒުން އިންޑިއާ، ޗައިނާ އަދި ސިންގަޕޫރުގެ އުފެއްދުންތަކުގެ ތެރެއިން ދުނިޔޭގެ މާކެޓްގައި ލިބެން ހުރި އޯޒޯން އަދި ތިމާވެއްޓާއި ރައްޓެހި އާލާތްތައް ދައްކާލާ އެތަކެއްޗާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ތިމާވެއްޓާ ރައްޓެހި އެއާ ކޮންޑިޝަނިން އާލާތްތައް ގަތުމަށް އާއްމު ފުރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަ ޕައިލެޓް ޕްރޮގްރާމެއް ވަނީ މައުރަޒުގެ ތެރެއިން ތައާރަފް ކޮށްފައެވެ.

"އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ"ގެ ނަމުގައި ދަރުބާރުގޭގައި ފެށި މައުރަޒުގެ ސްޓޯލެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒީރޯ އޯޒޯން ޑިޕްލީޝަން ޕޮޓެންޝިއަލް (އޯޑީޕީ) އަދި ޖީޑަބްލިއުޕީ ދަށުގައި މަސައްކަތްކުރާ އެއާކޯން ތަކަށް ޑިސްކައުންޓް ލިބޭ އެ ޕްރޮގްރާމުގެ ދަށުން ޑިސްކައުންޓް ލިބޭނީ އެކަމަށް އެދި ފުރަތަމަ ހުށަހަޅާ 705 ފަރާތަކަށެވެ. ޕައިލެޓް ޕްރޮގްރާމުގެ ދަށުން 162500 އެމެރިކާ ޑޮލަރާ ހަމައަށް ޑިސްކައުންޓް ދޭނެއެވެ.

ޕައިލެޓް ޕްރޮގްރާމުގެ ދަށުން ޑިސްކައުންޓް ލިބޭ ގޮތް:

  • 9000 ބީޓީޔޫގެ އޭސީއެއް ނަގާ ފުރަތަމަ 500 ފަރާތަކަށް 200 އެމެރިކާ ޑޮލަރު (3084 ދިވެހި ރުފިޔާ)
  • 12000 ބީޓީޔޫގެ އޭސީއެއް ނަގާ ފުރަތަމަ 200 ފަރާތަކަށް 250 ޑޮލަރު (3855 ދިވެހި ރުފިޔާ)
  • ކޮމާޝަލް ބޭނުންތަކަށް ބޮޑެތި އޭސީ ނަގާ ފުރަތަމަ 5 ފަރާތަކަށް 2500 ޑޮލަރު (38550 ދިވެހި ރުފިޔާ)

އެންވަޔަރަމަންޓް މިނިސްޓްރީން ޑިސްކައުންޓް ދޭ ތިމާވެއްޓާ ރައްޓެހި އޭސީތަކުގެ ސަބަބުން ގާތްގަނޑަކަށް 12 ޕަސެންޓާއި 43 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކަރަންޓް ބިލް ކުޑަވާއިރު، ތިމާވެށި ހޫނުވުން ކުޑަކޮށްދެއެވެ. އަދި އޭސީއަށް ދިމާވާ މައްސަލަތައް މަދުވުމުގެ ސަބަބުން ސާވިސްއަށް ދާ ހަރަދު ކުޑަ ކޮށްދެއެވެ.

"އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ"ގެ ނަމުގައި ދަރުބާރުގޭގައި މިއަދު ފެށި މައުރަޒު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ތޯރިގް މައުރަޒުގެ ސްޓޯލެއް ބައްލަވާލައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީން ބުނީ، މައުރަޒުގެ ހަވާސާގެ ތެރެއިން އެކިއެކި ދާއިރާތަކަށް އަމާޒުކޮށް އެކިއެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއެކު މަސައްކަތު ބައްދުވުންތަކެއް ކުރިއަށް ގެންދަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާއަތް، އައިސް އަލަމާރި އާއި އެއާ ކޮންޑިޝަން (އޭސީ) ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި އެދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތު ބައްދުވުންތަކެއް ބާއްވާނެއެވެ.

comment ކޮމެންޓް