ރާއްޖެއަށް "ގޯއެއާ"ގެ ދަތުރުތައް އަންނަ އޮކްޓޯބަރުގައި ފަށަނީ

ގޯއެއާގެ ފްލައިޓެއް ---

ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ މުމްބާއީގެ ބަޖެޓް އެއާވޭސް އެއް ކަމަށްވާ "ގޯއެއާ"ގެ ދަތުރުތައް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ރާއްޖެއަށާއި އިތުރު، އަށް މަންޒިލަކަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ދަތުރުތައް ފެށުމަށް އިންޑިއާ ސަރުކާރުން ގޯއެއާއަށް ހުއްދަ ދިނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އެ އެއާލައިނަކީ އިންޑިއާގެ އެއާލައިންތަކުގެ ތެރެއިން އެގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދިން ފަސް ވަނަ އެއާލައިނެވެ.

ނަމަވެސް ދަތުރުތައް ފެށުމަށް އެ އެއާލައިނަށް ބޭނުންވާ އެއާބަސް އޭ320 ނިއޯ މަރުކާގެ ދެ މަތިންދާބޯޓެއް ގެނައުމުގައި ލަސްތަކެއް ދިމާވުމުގެ ސަބަބުން ދަތުރުތައް އޮތީ އަދިވެސް ނުފެށިއެވެ.

ގޯއެއާގެ މެނޭޖިން ޑިރެކްޓަރު ޖެހާންގިރު ވަޑިއާއާ ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ އެއާލައިނުން ގައުމުން ބޭރަށް ކުރާ ދަތުރުތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ފަށާނެއެވެ.

މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ލީޑިން ބިޒްނަސް ވެބްސައިޓް، ބިޒްނަސް ސްޓޭންޑަޑުން ބުނީ، ރާއްޖެ ހިމެނޭ ގޮތަށް އަށް މަންޒިލަކަށް ދަތުރު ކުރުމުގެ ހުއްދަ ގޯއެއާއަށް ދިން ނަމަވެސް، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ދަތުރުތައް ފަށަން ނިންމާފައިވަނީ ރާއްޖޭގެ އިތުރުން ތައިލޭންޑުގެ ފުކެޓް އައިލެންޑަށް ކަމަށެވެ.

ގޯއެއާގެ ދަތުރުތައް އިންޑިއާގެ މުމްބާއީ އާއި މާލެއާ ދެމެދު ފަށަން ނިންމާފައިވާއިރު، އިންޑިއާ ސަރުކާރުން އެ އެއާލައިނަށް ހުއްދަ ދިނީ މުމްބާއީ އިން މާލެއަށް ހަފްތާއަކު ހަތް ދަތުރު ކުރުމަށެވެ.

ދެހާސް ފަސްވަނަ އަހަރު ޑޮމެސްޓިކް އޮޕަރޭޝަންތައް ފެށި ގޯއެއާ އަކީ މާކެޓް ޝެއާއިން އިންޑިއާގެ ފަސް ވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އަދި އެ އެއާލައިނުން ވަނީ ދާދި ފަހުން 7.7 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް އޭ320 މަރުކާގެ 72 ފްލައިޓް ހޯދުމުގެ އެއްބަސްވުމެއްގައި އެއާބަސް އާއެކު ސޮއިކޮށްފައެވެ.

comment ކޮމެންޓް