މަފާޒް މިނިވަންވެފައި ހުރީ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމުމުން: ފުލުހުން

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު ގ. ޖެލީފިޝްގެއިން ނެރެގެން ގެންދަނީ -- ސަން ފައިލް ފޮޓޯ

މިދިޔަ މަހުގެ 27 ވަނަ ދުވަހު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭގެ ތެރޭގައި ވަޅިން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، މަރާލި މައްސަލާގައި ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ ގ. ޝާރާޒް، މުޙައްމަދު މަފާޒް ހުސެއިން ދޫވެފައި ހުރީ ހުކުމް ތަންފީޒުކޮށް ނިމުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ޖިނާއީ ތަފާތު އެކި ކުށްތަކުގެ ރެކޯޑު އޮންނަ މަފާޒަކީ އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެދަށުން ޓެގު އެޅުވި ޒުވާނެކެވެ. އަދި މޮނިކޮން އަމުރާ ހިލާފުވެގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ނަމަވެސް ނަދީމް މަރާލި މައްސަލާގައި މަފާޒު ހައްޔަރުކުރިއިރު، އޭނާ ދޫވެފައި ހުރީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، މަފާޒަކީ މޮނިކޮން އަމުރާ ހިލާފުވެގެން ހައި ކޯޓުން އެއް އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހެއްކަމަށާއި އަދި އެ ހުކުމް ތަންފީޒު ކޮށްގެން ނިމިގެން މިއަހަރުގެ އޭޕްރިލް މަހު ބަންދުން ދޫކުރެވިފައިވާ މީހެއް ކަމަށެވެ.

މަފާޒް ހައްޔަރުކުރީ، ނަދީމަށް ހަމަލާދިންތާ 14 ދުވަސް ފަހުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ގ. ޖެލީފިޝްގޭގެ ތެރެއިންނެވެ. އެގެއިން އޭނާ ހައްޔަރުކުރީ ދެ މައްސަލައެއްގެ ތުހުމަތުގައެވެ. އެއީ ނަދީމް މަރާލި މައްސަލައާއި ބަޔަކަށް ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައެވެ.

comment ކޮމެންޓް