މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ފަށައިފި

އެމްއެންޔޫއެސްޔޫ އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ފެށުމުގެ ގޮތުން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ "ކުލަގަދަ" ރަސްމިއްޔާތަކާ އެކު މިރޭ ފަށައިފިއެވެ.

މިރޭ ފުޓްސަލް މުބާރާތް ފަށާފައިވައިރު އެ މުބާރަތް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ މުބާރަތް ކުޅޭ މާފަންނު ވެލި ދަނޑުގައެވެ. މުބާރަތް ހުޅުއްވައިދެއްވީ ރާއްޖޭގެ ކުޅިވަރާއި ޒުވާނުންނާ ބެހޭ މިނިސްޓަރު އިރްތިޝާމް އާދަމްއެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ މި ފުޓްސަލް މުބާރާތުގައި މިފަހަރު، ގައުމީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި އަދި ގައުމީ ޔުނިވާސިޓީގެ އިތުރުން، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި ތަންތަނަށް ނިސްބަތްވާ ނުވަ ޓީމަކާއެކު ޖުމުލަ 18 ޓީމު ވާދަކުރާނެއެވެ.

ކޮލެޖްތަކާއި ޔުނިވާސިޓީތައް އަދި ހައި ސްކޫލްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ފަށާފައިވާއިރު އެ މުބާރާތުގެ މެއިން ސްޕޯންސާ އަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ.

އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫއެސްޔޫ ގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މަތީ ތައުލީމް ހާސިލް ކުރާ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރަތެއް ބާއްވަން ނިންމީ އެއީ އެ ޒުވާނުންނަކީ ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ތެރޭގައިވެސް ހަރަކާތްތެރިވާން ޖެހޭ ބަޔަކަށް ވާތީ ކަމަށެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ކޯޑިނޭޓަރު އަރްޝަދު އަޝްރަފް "ސަން ސްޕޯޓްސް" އަށް ވިދާޅުވެފައި ވަނީ މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ފެއާޕްލޭ ޓީމަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނޭ ކަމަށެވެ. އަދި މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް