ހުޅުމާލޭގައި އައިޔޫއެމުން އިމާރާތް ކުރާ 10 ބުރީގެ ވަގުފު އިމާރާތް ކުރަހައިދޭނެ ބަޔަކު ހޯދަނީ

މިއަހަރުގެ ޖުލައި މަހު ބޭއްވި އައިޔޫއެމް މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުމާލޭގައި އިމާރާތް ކުރާ 10 ބުރީގެ ވަގުފު އިމާރާތް ކުރަހައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ޔުނިވާސިޓީން ހުޅުމާލޭގައި ހަދާ ވަގުފު އިމާރާތަށް ބިން ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ދިހަ ބުރިއަށް ހަދާ ވަގުފު އިމާރާތަކީ ޔުނިވާސިޓީގެ ހިންގުމަށް ބޭނުންވާ ފައިސާ އަދި އެހެނިހެން ކަންކަމަށް ހޭދަކުރާނެ ފައިސާ ހޯދަން ހަދާ އިމާރާތެކެވެ. އަދި އެ އިމާރާތައް އައިޔޫއެމުން ދީފައިވާ ނަމަކީ "ސަނާބިލް"އެވެ.

އައިޔޫއެމުން މިއަދު ކުރި އިއުލާނެގައި ވަނީ އެ ޔުނިވާސިޓީން ހުޅުމާލޭގައި އިމާރާތް ކުރާ 10 ބުރީގެ އޮފީސް ކޮމްޕުލެކްސް އިމާރާތުގެ ކޮންސެޕްޓް ޑިޒައިނިންގް، ޑީޓެއިލް ޑްރޯވިންގ އަދި ޕްރޮޖެކްޓް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަން އައިޔޫއެމްގެ އޮފިޝަލަކު ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އައިޔޫއެމުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 11:00 އަށް އިސްލާމީ ޔުނިވާސިޓީއަށް ވަޑައިގަތް މައުލޫމާތު ސާފުކުރަން އެދޭ ކަމަށާއި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުން ނުދެވޭނެ ކަމަށެވެ.

އަދި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަންނާނީ މި މަހުގެ 22 ވާ ދުވަހުގެ 11:00 ގައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އައިޔޫއެމްގެ ފަރާތުން ހުޅުމާލޭގައި ވަގުފު އިމާރާތެއް ހަދަން ނިންމާފައިވާއިރު، މިސްކިތު ފަންޑަށާއި ވަގްފު ފަންޑަށް ފައިސާ ހޯދުމަށް މާލޭ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ކައިރީގައި ވަނީ 10 ބުރީގެ ވަގުފު އިމާރާތެއް ހަދާ، ހުޅުވާފައެވެ.

މާފަންނު މަދަރުސާ އާއި ކުރީގެ ރާވެރިޔާ ރެސްޓޯރެންޓާ ދެމެދު އޮންނަ ބިމުގައި އިމާރާތްކޮށް "ދާރުލް އީމާން"ގެ ނަމުގައި މިއަހަރުގެ ޖަނަވަރީ މަހު ހުޅުވި އެ އިމާރާތަކީ ވެސް އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުގައި މިހާރު ހުންނެވި ޝަހީމް، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ފެއްޓެވި މަސައްކަތެކެވެ.

comment ކޮމެންޓް