ނެސްކެފޭ އެލެގްރިއާ: އެއް މެޝިނުން ފަސް ވައްތަރުގެ ކޮފީ!

ނެސްކެފޭ އަލެގްރާ ކޮފީ މެޝިނެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދިވެހިރާއްޖެއަކީ ކޮފީއާ ގުޅި ލާމެހިފައި އޮންނަ ގައުމެކެވެ. ކޮފީ ނުބޯ މީހަކު މަދުވާނެކަން ޔަގީނެވެ. އެހެންކަމާ އެކު، ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ކޮފީ ޕްރޮޑަކްޓްތައް ހުރެއެވެ.

ރާއްޖޭގެ އެކި ތަންތަނުގައި އެކި ބާވަތުގެ ކޮފީ ހުރެއެވެ. އަމިއްލައަށް ކޮފީބީންސް ރޯސްޓްކޮށްގެން، ކަސްޓަމަރު ކުރިމަތީގައި ކޮފީ ބްރޫކޮށްގެން ތައްޔާރުކޮށްދޭ ކެފޭތައްވެސް ދަނީ އުފެދެމުންނެވެ.

އެހެން ނަމަވެސް ނެސްކެފޭއާ އަޅާކިޔާލެވޭ ކޮފީ ބްރޭންޑެއް ނުވަތަ ޕްރޮޑަކްޓްތަކެއް މިހާތަނަށް ރާއްޖެ ނުދެކެއެވެ. ނެސްކެފޭއަކީ ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު ކޮފީއެވެ.

އެފްއެޗްއޭއެމް އެކްސްޕޯގައި ނެސްލޭ ސްޓޯލް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނެސްލޭގެ ނެސްކެފޭ ބްރޭންޑުގެ ކޮފީ ރާއްޖެއަށް އިމްޕޯޓުކުރަނީ ލިލީ ގްރޫޕުންނެވެ. ލިލީ ގްރޫޕުން މިވަނީ ނެސްކެފޭގެ ކޮފީ ހަދާ ޚާއްސަ މެޝިނެއް ރާއްޖެއަށް ތައާރަފުކޮށްފައެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ފުޑް އެންޑް ހޮސްޕިޓެލިޓީ އޭޝިއާ މޯލްޑިވްސް 2017 އެކްސްޕޯގައި، ލިލީ ގްރޫޕު ވިޔަފާރިތަކުގެ އެކިއެކި ސްޓޯލުތައް ހުރި އިރު، "ނެސްލޭ ޕްރޮފެޝަނަލް"ގެ ސްޓޯލެއްވެސް ހުރެއެވެ. ލިލީ ގްރޫޕުގެ ޕްރޮޑަކްޓްތައް ދައްކާލުމަށް ޚާއްސަކޮށްފައިވަނީ ދަރުބާރުގޭ ދޮށިމޭނާ މާލަމެވެ.

ނެސްލޭ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ޑިޝާން ވިޖަޔަވަރްދަނަ "ސަން"އަށް ވިދާޅުވީ، "ނެސްލޭ އަލެގްރިއާ" ކިޔާ މި ކޮފީ މެޝިނަކީ ދާދި ފަހުން ރާއްޖެއަށް ތައާރަފުކުރި ޕްރޮޑަކްޓެއް ކަމަށެވެ.

ރީތި ޑިޒައިނަކަށް އުފައްދާފައިވާ މި މެޝިނަކީ ކުޑަ ނަމަވެސް ވަރަށްވެސް ބޭނުންތެރި އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނެސްލޭ މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ ޑިޝާން ވިޖަޔަވަރުދަނަ "ސަން"އާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި މެޝިނަށް ލައްވާ ކޮފީ ކެޕްސިއުލް ނުވަތަ ކެނިސްޓަރ ބޭނުންކޮށްގެން، ނެސްކެފޭ އަލެގްރިއާއިން ތަފާތު ފަސް ވައްތަރެއްގެ ކޮފީ ހެދޭނެވެ. އެއީ އެސްޕްރެސޯ، ލުންގޯ، އެމެރިކާނޯ، ކަޕަޝީނޯ އަދި ލާޓޭ މަކިއާޓޯއެވެ.

"އެއް ވައްތަރެއްގެ ކެނިސްޓަރެއް ބޭނުންކޮށްގެން، އެންމެ މެޝިނަކުން ފަސް ވެރައިޓީގެ ކޮފީ ހެދޭނެ. މި މެޝިނުގެ އޮޕަރޭޝަންތައްވެސް އެހާ ފަސޭހަ،" ޑިޝާން ވިދާޅުވިއެވެ.

މިއީ ކުދި އޮފީސްތަކާއި، ގޭގައި ނުވަތަ ރިސޯޓުތަކުގެ ރޫމްތަކުގައި ކޮފީ ހަދަން ބަހައްޓަން ރަނގަޅު މެޝިނެއް ކަމަށް ޑިޝާން ވިދާޅުވިއެވެ.

ނެސްކެފޭ އަލެގްރިއާ މެޝިން ލިބެން ހުންނާނީ ލިލީ އެފްއެންބީ އައުޓްލެޓްތަކާއި، ލިލީ އިންޓަނޭޝަނަލުންނެވެ.

comment ކޮމެންޓް