ސްޓާބަކްސްގެ ކޮފީ ރާއްޖެއަށް ތައާރަފުކޮށްފި

ލިލީއިން ރާއްޖެއަށް މިއަދު ތައާރަފުކުރި ސްޓާބަކްސް ކޮފީ ފުޅިތައް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދުނިޔޭގެ މަޝްހޫރު ސްޓާބަކްސް ބްރޭންޑްގެ ކޮފީ ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ފުޑް އެންޑް ހޮސްޕިޓެލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެެޗްއޭއެމް) މައުރަޒުގައި ސްޓާބަކްސް ރާއްޖެއަށް ތައާރަފުކުރީ، އެ މައުރަޒުގެ ގްރޭންޑް ސްޕޮންސަރ، ލިލީ ގްރޫޕުންނެވެ.

ލިލީއިން ރާއްޖެއަށް ތައާރަފުކުރީ ފުޅީގައި ބަންދުކޮށްފައި ހުންނަ ސްޓާބަކްސް ކޮފީއެވެ.

ލިލީ އިންޓަނޭޝަނަލްގެ އެސިސްޓަންޓް ޑިރެކްޓަރ ފައިޒަލް އަލީ "ސަން"އަށް ވިދާޅުވީ، މި ޕްރޮޑަކްޓްތައް ތައާރަފުކުރީ އަޖުމަ ބެލުމުގެ ގޮތުން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި، ޑިމާންޑަށް ބަލައި، ސްޓާބަކްސްގެ އިތުރު ޕްރޮޑަކްޓްތައްވެސް ރާއްޖެ ގެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓާބަކްސް ކޮފީގެ ދެ ވައްތަރެއް މިއަދު ވަނީ ތައާރަފުކޮށްފައެވެ. އެއީ ކޮފީ އަދި މޮކާއެވެ. މި ދެ ބާވަތްވެސް ބަންދުކޮށްފައި ހުންނަނީ 200 މިލިލީޓަރުގެ ބިއްލޫރި ފުޅީގައެވެ.

ލިލީ އިންޓަނޭޝަނަލްގެ އެސިސްޓަންޓް ޑިރެކްޓަރ ފައިޒަލް އަލީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފައިޒަލް ވިދާޅުވީ، މި ކޮފީއަކީ ސީދާ އެމެރިކާއިން ރާއްޖެ ގެންނަ ޕްރޮޑަކްޓެއް ކަމަށެވެ. އޭނާ ވިދާޅުވީ، ސްޓާބަކްސްއާއި ލިލީއިންވެސް ސްޓާބަކްސް ކޮފީގެ ކޮލިޓީއަށް އަސަރުކުރާނެ ފަދަ ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

"މީގެ ޝެލްފް ލައިފަކީ އަށް މަސް ދުވަސް. ހަތަރު މަސް އެބަ ނަގާ އެމެރިކާއިން ރާއްޖެ ގެނައުމަށް. އަޅުގަނޑުމެން ބުނީ އެންމެ ރަނގަޅު ކޮލިޓީގެ ތަކެއްޗޭ ބޭނުންވަނީ. އަޅުގަނޑުމެން ބޭނުން ނުވީ ތިންވަނަ ފަރާތަކުން ތައްޔާރުކުރާ ސްޓާބަކްސް ކޮފީ ރާއްޖެ ގެނައުމަށް،" އޭނާ ވިދާޅުވިއެވެ.

ފައިޒަލް ވިދާޅުވީ ރާއްޖެއަކީ ކޮފީއަށް ލޯބިކުރާ ގިނަ އަދަދެއްގެ ބަޔަކު އުޅޭ ތަނެއް ކަމަށާއި، ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ބްރޭންޑު ރާއްޖޭގެ ކޮފީ މާކެޓަށް ތައާރަފުކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ސްޓާބަކްސް ކޮފީ ފުޅި، ލިލީ އެފްއެންބީ އައުޓްލެޓްތަކުގެ އިތުރުން، މާލޭގެ ބައެއް ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ސްޓަބަކްސް ކޮފީގެ އިތުރުން، ސްޓާބަކްސް ބްރޭންޑުގެ ބެލްޖިއަން ވޮފްލްއާއި، ޗިޕްސް އަދި ބަދަންވެސް ވަނީ މިއަދު ތައާރަފުކޮށްފައެވެ.

ސްޓާބަކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކޮފީހައުސް ޗެއިނެވެ.

comment ކޮމެންޓް