މެލޭޝިއާގައި 400އަށް ވުރެ ގިނަ މީހުން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފި

ސައުތު އޭޝިއަން ގޭމްސްއަށް މެލޭޝިއާގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަ ކުރެވިފައި --- އީއެފްޕީ

މެލޭޝިއާގެ ފުލުހުން އެގައުމުގައި، އެންޓި-ޓެރަރިޒަމް ނުވަތަ ޓެރަރިޒަމް އާދެކޮޅަށް ހިންގި ރެއިޑްތަކުގައި 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ސިލްސިލާކޮށް މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ކުރިޔަށް ގެންދިޔަ މިއޮޕަރޭޝަންގައި ގިނައިން ހައްޔަރުކުރެވިފައިވަނީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

މިމީހުންނާ އެކު އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ވަގު ޕާސްޕޯޓާއި އިމިގްރޭޝަންގެ ލިޔެކިޔުންތައް އަސްލާ އެއްގޮތަށް ތައްޔާރުކުރަން ބޭނުންކުރާ ތަކެތިވެސް ހިމެނެއެވެ.

އެގައުމުގެ ސަލާމަތީ ބާރުތަކުން ކުރިޔަށް ގެންދިޔަ މި އެންޓި-ޓެރަރިޒަމް ރެއިޑް ތަކަކީ ކުއަލަ ލަމްޕޫރުގައި އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ.

ހޯމަދުވަހު ކުރިޔަށް ގެންދިޔަ މިއޮޕަރޭޝަންގައި ކުއަލަ ލަމްޕޫރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓާއި އިމިގްރޭޝަންގެ ލިޔެކިޔުންތައް މަދު ކަމަށް ހީވާ ފަރާތްތަކާ އަދި ފުލުހުންނަށް ޝައްކުކުރެވޭ ފަރާތްތައް ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވުނެވެ.

އަދި މީގެ ތެރެއިން ވަގު ޕާސްޕޯޓުތަކާއި ލިޔެކިޔުންތަކުގެ އިތުރުން މުޖުތަމައުއަށް ނުރައްކާތެރިކަމަށް ބެލެވުނު މީހުންވަނީ ތަހުގީގަށް ޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

"މިގައުމުގައި ދިރިއުޅޭ ބޭރު މީހުންގެ ތެރެއިން، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ޝައްކުކުރެވޭ ފަރާތެއްވިއްޔާ އަހަރެމެން ހައްޔަރުކުރާނަން. އަދި ހާއްސަކޮށް ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަހެން ހީވާ ފަރާތެއްވިއްޔާ އެމީހަކާ ދެމެދު ވަގުތުން ފިޔަވަޅު އެޅޭނެ،" ފުލުހުންގެ ކައުންޓަރ-ޓެރަރް އޮފިސަރު އައްޔޫބް ހާން ވިދާޅުވިއެވެ.

ފުލުހުން ކުރިޔަށް ގެންދިޔަ މިބަލާފާސްކުރުމުގައި ރޭޑިއޯއެކްޓިވް ތަކެތި ދެނެ ގަނެވޭފަދަ އާލާތްތައް ބޭނުންކޮށްފައިވެއެވެ.

މަސްދަރު: ބީބީސީ

comment ކޮމެންޓް