ގައުމީ އެއާލައިން އެހެން ބައްރަކާ ދިމާލަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލަިއޓެއް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަހަރުގެ ތެރޭގައި މުޅިން އާ މަންޒިލުތަކަކަށް ދަތުރުތައް ފެށޭތޯ މަަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރ އަލީ ނަޝާދު ހަމީދު "ސަން"އަށް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އެ އެއާލައިންގެ ނެޓްވޯކު ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި، އާ މާކެޓުތަކަށް އުދުހުންތައް ފުޅާކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ބަލަމުންދާ އާ މަންޒިލުތަކުގެ ތެރޭގައި، އެފްރިކާ ބައްރުގެ އެންމެ ދެކުނުގައި އޮންނަ ސައުތު އެފްރިކާ ހިމެނެއެވެ. ނަޝާތު ވިދާޅުވީ ދެކުނު އެފްރިކާއަށް ސީދާ ދަތުރުތައް ކުރެވިދާނެތޯ ބަލަމުންދާ ކަމަށެވެ. މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް، މަޝްވަރާތަކެއް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވިއަނުން ދަތުރުކުރާ އެންމެ ބޮޑު މާކެޓު، ޗައިނާގެ އާ މަންޒިލުތަކަކަށް ނެޓްވޯކު ފުޅާކުރެވިދާނެތޯ ބަލަމުންދާ ކަމަށް ނަޝާތު ވިދާޅުވިއެވެ.

މޯލްޑިވިއަނުން ޗައިނާގެ ޗަންގްޝާ، ޗެންގްދޫ، ޗޮންގްޗިންގް، ނަންޖިންގް، ވޫހާން އަދި ޝިއާންްއަށް ދަތުރުކުރެއެވެ.

comment ކޮމެންޓް