ދިފާއީ ހެކިން ހާޒިރު ނުކުރެވިގެން އަމީންގެ ޝަރީއަތް ކެންސަލްކޮށްފި

އަމީން ފައިސަލް --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކޮށް، ހަފްތާއެއް ވަންދެން ކ. އާރަށުގައި ބެހެއްޓި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލި ޓެރަރިޒަމް ދައުވާގެ މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު 13:00އަށް ތާވަލު ކުރި ޝަރީއަތް ކެންސަލްކޮށްފައިވަނީ ދިފާއީ ހެކިން ހާޒިރު ނުކުރެވިގެން ކަމަށް ކުރިމިނަލް ކޯޓުން ބުނެ އެވެ.

މެއި މަހުގެ 21 ވަނަ ދުވަހު ހެކި ހުށަހެޅުމަށް ބޭއްވި އަޑުއެހުމުގައި އަމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ރައީސް ޔާމީން ހާޒިރުކޮށްދޭން އެދިވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އެ ހާދިސާ ހިނގި އިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލާއި އެ ހާދިސާ ހިނގި އިރު ގާނޫނީ އިސްފަރާތެއްގެ ގޮތުގައި އެމްއެންޑީއެފްގައި ހުންނެވި ޒުބައިރު އަހްމަދު މަނިކެވެ.

ައަމީންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، އަމީން ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހިމާޔަތްދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް