ނޯޓީ 40 ޕްރިމިއާކޮށްފި- ވައުދުކުރި ހުރިހާ ރަހަތަކެއް ބަރާބަރަށް ހަމަ!

މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު ޑައިރެކްޓްކޮށް، މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސްކޮށްފައިވާ ކޮމެޑީ ފީޗަރ، "ނޯޓީ 40" މިވަނީ އޮލިމްޕަހުގެ ސްކްރީނުގައި ޕްރިމިއަރކޮށްފައެވެ. "އަހަރުގެ ބޮޑު ފިލްމު"ގެ ގޮތުގައި އިސްތިހާރުކުރަމުން އައި މިފިލްމަކީ ހަމަ ހަގީގަތުގައިވެސް ބޮޑު ފިލްމެކެވެ.

ނަސީބު އަތުގައި ހިފިގޮތުން މިފިލްމު ބަލާލަން ދިޔުމުގެ ފުރުޞަތު ރޭ ލިބުނެވެ. އެކަމަކު ފިލްމު ބަލާލަން ދިޔައިރު ހިތަށްއެރީ ފަހަރުގައި މި ފިލްމުވެސް ވެގެންދާނީ އަޅުގަނޑަށް، ފަހުގެ ތާރީހުގައި ބެލުނު ބައެއް ދިވެހި ފިލްމުތަށް ފަދައިން އުންމީދުތަކަށް ކިލަނބުކަމެއް ގެންނާނެ ފިލްމެއް ކަމަށެވެ.

މިހާތަނަށް ހީކުރި ހީކުރިން މިހާ ގޯސްވީ ފަހަރެއް ނާދެއެވެ.

ފިލްމުގެ ތިން ލީޑް އެކްޓަރުން ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު އަދި އަހްމަދު ސައީދަކީ ޅަދުވަސްވަރުންސުރެ ވަރަށް ގާތް ތިން ރަހްމަތްތެރިންނެވެ. މަނިކުގެ ކެރެކްޓާއަކީ ތަނަވަސް އަދި މަޖާ މިޒާޖެއްގެ މީހެކެވެ. ސައީދަކީ ދިރިއުޅުމުގައި ތަފާތުއެކި ކަންތައްތައް ފެނިފައިހުރި އަދި މިޒާޖުގައި ކަންކަމާ ކުރިމަތިލުމުގައި ފަސްޖެހޭ މީހެކެވެ. ޔޫއްޕެއަކީ ތިން ރަހްމަތްތެރިންގެ ތެރެއިން އެންމެ ހެޔޮވިސްނޭ އަދި ސީރިއަސް ކެރެކްޓާއެވެ.

މިތިން ރަހްމަތްތެރިންނަކީވެސް 40ގެ އަހަރުތަށް ގުނަމުންދާ ނަމަވެސް، ހަމަ ސާދަފަނަރައިގެ ޒުވާން ހިތްތަކެއްގެ ވެރި ބައެކެވެ. ޒުވާން ޖިންސުއްލަތީފުންނަށް ހަނާއަޅާ އެމީހުންނާ މައްލަވަކޮށް ވާހަކަދައްކައި ރަހްމަތްތެރިކަން ބާއްވަން ބޭނުންވާ ތިންމީހުންނެވެ.

ނޯޓީ 40ގެ ބައެއް ތަރީން -- ސަން ފޮޓޯ: ނޯޓީ40 ޓީމް

ޒާތީ ތައައްސުބުން ފުރިފައިވާ، ނަޒާހަތްތެރިކަމެއް ނެތް ފުލުހެއްގެ ބައި މި ފިލްމުގައި ވަރަށް ފުރިހަމައަށް އަދާކުރާ އަލީ ސީޒަންގެ އިތުރުން މަޝްހޫރު ބަޠަލާ ނިއުމާ މުހައްމަދުވެސް ފިލްމުގައި ކުޑަ އެހެންނަމަވެސް މުހިއްމު ރޯލަކުން ފެނިގެންދެއެވެ.

ފިލްމުގައި ދިމާވާ ކުޑަކަމެއްގެ ސަބަބުން މި ތިން އެކުވެރިން އެމީހުންގެ ކުދިންނާއެކު ރާއްޖޭގެ ރަށަކަށް ދަތުރުކުރެއެވެ. މިހާ ހިސާބުން މިތިން މީހުން ބެދެނީ ދެ ބައެއްގެ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރޭގައެވެ. މިއީ ކުރުގޮތަކަށް މިފިލްމުގައި ހިނގާ ކަންކަމެވެ.

ބައެއް ތަފްސީލުތަށް އުނިއިތުރު ކޮށްފައި ފިލްމުގެ ކުރު ހުލާސާއެއް ދޭންޖެހުނު އެންމެ ބޮޑު ސަބަބަކީ ފިލްމަކީ ތްރިލާއެއް ކަމުގައި ވާތީއެވެ.

ދިވެހިފިލްމު ނޯޓީ40ގެ ޕޯސްޓަރެއް-- ފޮޓޯ: ފޭސްބުކް

ތެދެކެވެ. "ނޯޓީ 40" އަކީ ބެލުންތެރިންގެ ބަނޑު ހިނދޭވަރަށް އަދި ނޭވާ ކޮޅަށްދާވަރަށް ހެއްވާލާނެ ފިލްމެކެވެ. އަޅުގަނޑަކީ އާންމުގޮތެއްގައި ކޮމެޑީ ފިލްމުތައް ބަލާ މީހެއްވެސް ނޫނެވެ. ސަބަބަކީ ގިނަފަހަރު އޭގައި ހިނގާ ހެއްވާ މަޖާ ކަންކަމަކީ ގަދަކަމުން ގެނެސްފައި ހުންނަ ހާދިސާތަކުގެ މައްޗަށް ބިނާވެފައި ހުންނަ ކަންކަމުގައި ވާތީއެވެ.

ނަމަވެސް މި ފިލްމު އެއާ ޚިލާފެވެ. ފިލްމުގެ ސްކްރިޕްޓް ވަރަށްވެސް 'ސްމާޓް' ކަމުގައި ފާހަގަ ކުރެވުނެވެ. ފިލްމު ބަލަމުން ގެންދިޔައިރު ހިތުގައި އެތަށް ބައިވަރު ސުވާލުތަކެއް އުފެދުނެވެ. ޕަޒްލް ގޭމެއްގެ ޕަޒްލް އެތިކޮޅުކޮޅުތަށް ގިނަކަމުން އަޅުގަނޑު އިނީ ހިތުތެރޭގައި އުފެދުނު ހުރިހާ ސުވާލަކަށް ފިލްމު ނިމެންވާއިރުވެސް ޖަވާބުލިބޭނެބާއޭ ހިތަށްއަރާލަ އަރާލައެވެ.

ޔޫއްޕެގެ ސްޓޯރީޓެލިންގް އަދި ޑައިރެކްޝަން ފުރިހަމަކަން އެނގިގެންދަނީ މިހާހިސާބުންނެވެ. ހިތަށްއެރި ސުވާލެއްގެ ވިއްޔާ އޭގެ ވަގުތު އައިސް ޖެހުމުން ޖަވާބު ލިބުނެވެ. މިހާ ބަރާބަރަށް ތްރިލާ އަދި ކޮމެޑީ އެލެމެންޓް ހިމެނޭ ފިލްމެއް ގެނެސްދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ފިލްމު "ނޯޓީ 40"ގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ/ ފޭސްބުކް

ސަބަބަކީ އާރޓްސްގެ ނަޒަރިއްޔާއިން ބަލާއިރު ތްރިލާއާ އެންމެ ދުރުން ގުޅުވެން އޮންނަ ކެޓަގަރީއަކީ ކޮމެޑީއެވެ. އެފަދަ ފިލްމެއް ފުރިހަމަ ކުރެވެނީ ވަރަށް ވިސްނުންތެރިކަމާ އެކު ވާހަކަ ގެނެސްދީގެންނެވެ. ޔޫއްޕެއަކީ ކުޅަދާނަ ޑައިރެކްޓަރެއް އަދި ސްޓޯރީޓެލާއެއްކަން "ނޯޓީ 40" އިން ސާބިތުކޮށްދީފިއެވެ.

ފިލްމުގައި ހިމެނޭ ހުރިހާ އެލެމެންޓްސް އަދި އިމޯޝަންސް ތަކެއްވެސް ގެނެސްދީފައިވަނީ ވަރަށް އެއްވަރަކަށް އަދި އެފަދަ އެއްވެސް އެލެމެންޓެއް ބޭކާރު ނުވާ ގޮތަށެވެ. އަޅުގަނޑަށް ފިލްމުން އެންމެ ގަޔާވީ ފިލްމުގައި ހިނގާ ހެއްވާ މަޖާ ހާދިސާތަށް ފިލްމުގެ އެތެރޭގައި ދައުރުވަމުންދިޔަ ސަސްޕެންސްގެ މަންޒަރުތަކާ ގުޅުވާލާފައިވާލެއް ފުރިހަމަކަމާ ދޭތެރޭގައެވެ.

މި ފިލްމުގައި ހަރަކާތްތެރިވާ 18 އެކްޓަރުންވެސް އެމީހުންގެ ކެރެކްޓާ ގެނެސްދީފައިވަނީ ވަރަށްވެސް ފުރިހަމަކޮށެވެ. ކޮންމެ ކެރެކްޓާއަކީވެސް ވާހަކައިގައި މުހިންމު ދައުރެއް އަދާކުރާ އަދި ބޭކާރަށް ބެކްގްރައުންޑް ފަޅުފިލުވުމަށް ލައިފައިވާ ކެރެކްޓާތަކެއްގެ ގޮތުގައި ފެނިގެނެއް ނުދެއެވެ.

މިއީވެސް މި ފިލްމު ފުރިހަމަވުމުގެ އެއް އަސްލެވެ.

"ނޯޓީ 40"ގެ ބެކްގްރައުންޑް ސްކޯ، ސައުންޑް އިފެކްޓްސް އަދި ސިނެމެޓޮގްރަފީވެސް ރާއްޖޭގެ ފިލްމު ސްޓޭންޑަޑަށް ބަލާއިރު ވަރަށްބޮޑުތަން ރަނގަޅެވެ. ފިލްމުގައި ގެނެސްދީފައިވާ ރަހަތަކާ ގުޅޭފަދަ 'ޔުނިފޯމް' ކަލަރް ސެޓިންގް އެއް ބޭނުންކޮށްފައި ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހި ފިލްމު ނޯޓީ40ގެ ކޮސްޓިއުމް ޑިޒައިނަރަކީ ޖާދުﷲ އިސްމާއީލް (ޖާދު) -- ފޭސްބުކް ފޮޓޯ

ފިލްމު ބަލަން އޮލިމްޕަހަށް ދިޔަ ގިނަ ފަރާތްތަކަކުންވެސް ވަނީ މި ފިލްމަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ރަނގަޅަށް، މުނިފޫހި ފިލުވާލަދޭ ފިލްމެއްކަން ފާހަގަކޮށްފައެވެ. ފިލްމު ފެށުނީއްސުރެން ނިމެންދެންވެސް، ބެލުންތެރީންގެ ހުނުމުގެ އަޑު ކެނޑިގެނެއް ނުދެއެވެ. އެހެން ނަމަވެސް، މި ފިލްމު ތަންކޮޅެއް ދިގުކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރި އިރު، އަނެއްބައި ފަރާތްތަކުން ބުނީ ތަންކޮޅެއް ލަވަތައް ދިގީ، ނުވަތަ ގިނައީ ކަމަށެވެ.

މިއީ ތިބޭފުޅުން ވަގުތު ކޮޅެއް ހުސްކޮށްލައިގެން ބަލާލަން ނުދާވަރަށް ވުރެ ފުރިހަމަ ފިލްމެކެވެ. މިއީ އަދި އެންމެ މީހެއްގެ ބަހެވެ. ފިލްމަށް އިންސާފު ކޮށްލަން ތިޔަބޭފުޅުން އަމިއްލައަށް ވަޑައިގަތުން ކީއްތޯއޭ؟

ހަމަގައިމުވެސް އެއްކަމެއް ގެރެންޓީއެވެ! ފިލްމުން ފެންނާނެކަމަށް ވައުދުކުރި ހުރިހާ ރަހަތަކެއްވެސް ފިލްމުން ފެނިގެންދެއެވެ. އަދި ދިވެހީންގެ ތެރޭގައިވެސް އާންމުކޮށް ފެންނަ ގިނަ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް، ތައްޔާރުކޮށްފައިވާ މި ފިލްމުން ފެންނާނޭކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކުރަމުންއައި ހުރިހާކަމެއް ފެންނާނޭކަން ޔަގީނެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ، ނޯޓީ40ގެ 90 ޕަސެންޓް ޝޫޓްކޮށްފައި ވަނީ، ށ. މިލަންދޫގައެވެ. އަނެއްބައި މާލޭގައެވެ.

މުޅި ޖުމްލަ ފަސް ލަވަ ހިމެނޭ އެ ފިލްމުގައި، ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި ތަރިން ހިމެނޭއިރު، އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި 18 ފަންނާނުން ހިމެނެއެވެ. އެހެން ނަމަވެސް ނޯޓީ 40ގައި ހަރަކާތްތެރިވި ހުރިހާ ތަރީންގެ ވެސް ބޭ ވަރަށް ފުރިހަމައަށް ހިފާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ފިލްމުން ފެނިގެންދާ ބައެއް ތަރީންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ) އާއި އިބްރާހިމް ޖިހާދް (ޖިމީ) އަދި މުހައްމަދު ރިފްޝާން (ރިއްޕެ) އަދި ދިވެހި ފިލްމު "މަލިކާ" އިން ފިލްމީ އިންޑަސްޓްރީއަށް ތައާރަފްވެގެން ދިޔަނުޒުހަތް ޝުއައިބް (ނުޒޫ)އާއި "ވާށޭ މަށާ އެކީ" އިން ފެނިގެންދިޔަ ބިދޭސީ ތަރި މާރިއާ ތެރީސާވެސް ހިމެނެއެވެ.

ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވެގެންދާ ބައެއް ތަރިންގެ ތެރޭގައި ލިއާމް އާދަމް (އެލްޖޭ)، އަހްމަދު ޝަރީފް (އަންމު)، ގުލިސްތާން (ގުލީ) ހިމެނެއެވެ. ހަމައެހެންމެ ގިނަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަލީ ޝާހިދު (ސްޓެޕިން އައްޔަ) ވެސް މި ފިލްމުގައި ވަރަށް މަޖާ ރޯލެއް ކުޅެފައި ވެއެވެ.

comment ކޮމެންޓް