އަހަރު ދެބައިވި އިރު ދިރާގަށް 453 މިލިޔަން ރުފިޔާގެ ފައިދާ

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދިރާގުން 453 މިލިޔަން ރުފިޔާގެ ފައިދާއެއް ހޯދައިފި އެވެ.

ދިރާގުން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ނެރުނު އެކުންފުނީގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން، ޖޫން މަހުގެ ނިޔަލަށް އަހަރުގެ ދެވަނަ ކުއާޓަރު ނިމިފައިވާ އިރު، އެ ކުއާޓަރު ނިމުމާ ހަމައަށް ދިރާގަށް 1.27 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މި އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައު ދިރާގަަށް އާމްދަނީގެ ގޮތުގައި 1.24 ބިލިޔަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ދިރާގަށް 453 މިލިޔަން ރުފިޔާގެ ފައިދާއެއް ޖެހިފައިވާ ކަމަށް ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަށް ލިބުނީ 449 މިލިޔަން ރުފިޔާ އެވެ.

ދިރާގުން މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއިން އިންޓަރިމް ޑިވިޑެންޑެއް ބެހުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ދިރާގުން ބަހަން ނިންމާފައި ވަނީ 452 މިލިޔަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 5.96 ރުފިޔާ އެވެ.

comment ކޮމެންޓް