ރިޔާޒުގެ މައްސަލާގައި އިމްތިޔާޒް ގާނޫނާ ޚިލާފުވެފައެއް ނުވޭ: ދައުލަތް

އަބްދުﷲ ރިޔާޒު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމުގެ ދައުވާގައި މަޖިލިސް މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ޚިލާފުވެފައި ނުވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ރިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން، މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، ރިޔާޒުގެ ފޯނު ހިފެހެއްޓި އިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ދައުލަތުން ބުނީ، ކުރިމިނަލް ކޯޓުގެ ހުކުމުގައި ހަވާލާދީފައި އޮތީ އެކަމުގެ މައްޗަށް ކަމަށާއި، ނަމަވެސް ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ދިޔަ އިރު އެކަން ރިޔާޒުގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމަށް ދައުލަތުން ޖަވާބުދާރީވުމަށް ވެސް ފުރުސަތު ދީފައި ނުވާ ކަމަށް ދައުލަތުން ފާހަގަ ކުރި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ކުރިމިނަލް ކޯޓުގެ ނިންމުން ނިންމާފައިވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުގެ ގަވާއިދުގެ ތިންވަނަ މާއްސާގެ މަހްފޫމާ ޚިލާފަށް ކަމަށެވެ. އަދި އެ މާއްދާއިން ހައްޔަރު ކުރުމަކީ ކޮބައިކަން އެނގޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ވަކީލާ ވިދާޅުވީ، ފޯނު ހިފެހެއްޓުމަށް ކޯޓު އަމުރަކާ އެކު ފުލުހުން ރިޔާޒުގެ ގާތަށް ދިޔައީ ކަމަށާއި، އެގޮތަށް ކޮންމެ ފަހަރަކު ކޯޓު އަމުރެއް ހަވާލު ކުރަން ފުލުހުން މީހެއްގެ ގާތަށް ދިއުމަކީ ހިފެހެއްޓުން ކަމަށް މާނަކޮށްފި ނަމަ، ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުގެ ގަވާއިދުގެ ތިންވަނަ މާއްދާގައިވާ ހައްޔަރު ކުރުމުގެ މާނައާ މުޅިން ޚިލާފުވެގެން ދާ ކަމަށެވެ.

ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށް އެދިފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ރިޔާޒު ވަނީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ، ހަތްދުވަސް ތެރޭގައި ޖަވާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެއަށްފަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ވަކީލަކާ އެކު ހާޒިރުވުމަށް ފަނޑިޔާރު އެންގެވި އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އިތުރުން ފަނޑީޔާރު އަލީ ސަމީރެވެ.

comment ކޮމެންޓް