ސަފީރުންގެ ގޮތުގައި ތިބެ ޖަހާމަޅިއަށް ސަމާލުވާންޖެހިފައި!

އެއީ 1950 ގެ ފަހުކޮޅެވެ. އިނގިރޭސިއެއް ކަމަށްވާ މޭޖާ ފިލިޕްސް ރާއްޖެ އައީ، ދޫނި ސޫފާ ސޫފި ތަޖުރިބާ ކުރުމުގެ ނަމުގަ އެވެ. ދިވެހިންނާ ގުޅި އެތައް ދިވެހިންގެ ހިތްތަކުން އޭނާ ޖާގަ ހޯދި އެވެ. ހަމްދަރުދީގެ ކުލަ ދައްކައިގެންނެވެ. އެންމެ ފަހުން ކަންކަން ފަޅާއެރި އިރު އޭނާ ވެގެންގޮސްފައި ވަނީ ދިވެހި ގައުމު ބައިބައިކޮށް ދެކުނުގެ ތިން އަތޮޅުގައި ވަކި ސަރުކާރެއް ހެދުމަށް ކަންކަން ރާވާ ހެދި މީހާއަށެވެ.

"އޭ މޭޖާ ފިލިޕްސް އެވެ. މި އަހަރުގެ ޖެނުއަރީ ފުރަތަމަ ތާރީޚުން ފެށިގެން ދެކުނުގެ ތިން އަތޮޅުގައި އުފެދިގެން އުޅޭ ބަޣާވާތްތެރިކަކުގެ ހަގީގީ މުޝްތަޘާރަކީ ކަލޭ ނޫން ހެއްޔެވެ. ޖެނުއަރީ 2 ވަނަ ދުވަހު އައްޑު އަތޮޅު ގަމުގައި ހުންނަ އިނގިރޭސި ދައުލަތުގެ ލިއެސަން އޮފިސަރުގެ އޮފީހުގައި ދިވެހި ގައުމުގައި ދުވަހަކު ވެސް އުފެދުނު އެންމެ ބޮޑު ބަޣާވާތްތެރިޔާ އަށް، ދިވެހި ފަސްގަނޑުގެ ތެރެއިން އަލުން ގައުމެއް އުފެއްދުން ރަނގަޅުގަމުގައި އިރުޝާދުދިނީ ވެސް ހަމަކަލެއެވެ." މޭޖާ ޕިލިޕްސްގެ އަމަލުތައް ބުނެދިނުމަށް އަލްމަހުރޫމް ސައިކުރާ ނައީމް އާއި ވައިޖެހޭ އަހުމަދު ރަޝީދު، އޭރު ނޫހަކަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވެ އެވެ.

ތާރީހީ ލިޔުންތަކުގައި ބުނެފައިވާ ގޮތުން އައްޑު އަތޮޅުގެ ފަސްހާސް ރައްޔިތުން ސަރުކާރެއް އުފައްދަން މަދުކަމަށާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ރައްޔިތުން ވެސް އެބަޔަށް އަނބުރާލުމަށް އިނގިރޭސީނާ ވަފާތެރި އަބުދުﷲ އަފީފަށް ވިސްނައި ދިނީވެސް މެޖާ ޕިލިޕްސް ކަމަށްވެ އެވެ. އޭނާއަކީ ރާއްޖެ ބައިބައިކޮށްލަން އުޅުނު ބަޣާވާތުގެ ބޮޑު އެއް މޭސްތިރިޔާ އެވެ.

ހަމަ އެފަދަ އެހެން މީހެއްގެ ވާހަކަ އެވެ. ނަވާރަސަތޭކަ ފަންސާސް ފަސް ވަނަ އަހަރު ރާއްޖޭގައި ހުންނެވި އިނގިރޭސި ސަފީރު އާތިންޓަން ޑޭވީގެ ވާހަކަ އެވެ. އިނގިރޭސި މަންދޫބު ޑޭވީ މާލޭގައި އުޅެމުންދިޔައީ އާރާއިބާރާ އެކު އެވެ. އެގޮތުން އޭނާ ވަނީ ނާދީގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އެތަނުގައި ޑޭވީ ވެރިޔަކަށް ހުންނެވީ ދިވެހިންގެ ތާއީދާއެކު އެވެ. އެގޮތަށް އުޅެމުން ދިއުމުގެ ތެރެއިން ރާއްޖޭގެ ދާހިލީ ކަންކަމާ ވެސް އޭނާ ދިޔައީ ބެހެމުންނެވެ.

އޭގެ އެއް ކަމަކީ އިނގިރެސީނާއި ވަފާތެރި އަދި ދެކުނު ބަގާވާތް ގެނައުމަށް އިނގިރޭސީންނަށް ވާގިވެރިވި ދިވެހި މީހާ ކަމަށްވާ އަބްދުﷲ އަފީފު ދިވެހި ސަރުކާރަށް ނޭނގި ސީޝެލްސް އަށް ގެންދިއުމެވެ. އެކަމާ ގުޅޭ ގޮތުން އިނގިރޭސީންގެ ފަރާތުން ރާއްޖޭގައި ހުންނެވި ސަފީރު ޑޭވީ، އާއި ނާސިރު ސުވާލު ކުރެއްވުމުން ޑޭވީ ދެއްވި ރުން ކުރު ޖަވާބަކަށްވީ "ހިމާޔަތުގެ އެގްރިމެންޓުގެ ދަށުން އަހަރެމެން ކޮންމެ މީހަކު ބޭނުންތަނަކަށް ގެންދެވޭނެ. ދިވެހި ސަރުކާރަކަށް ބުނާކަށް ނުޖެހޭނޭ،" ކަމަށެވެ. އެއީ އޭރުކަންކަން ހިނގި ގޮތެވެ.

މިހާރުގެ ހާލަތަކީ ކޮބާ؟

އާންމުކޮށް ނުދައްކާ ނަމަވެސް އެންމެނަށް އެނގޭ އެއް ކަމަކީ ރާއްޖޭގައި ހުންނަ ބައެއް ބޭރުގެ އެމްބަސީތަކުން ޖާސޫސް ކުރުން ފަދަ އަމަލުތައް ހިންގަން މަސައްކަތް ކުރާކަމެވެ. އެކި ދާއިރާތަކުގެ އެކި ފެންވަރުގެ މީހުންނާ ބައްދަލުކޮށް އެމީހުން ބޭނުންކޮށްގެން ހުއްދަ ނޫން މުއާމަލާތައް ހިންގާ ކަމަށް ތުހުމަތުތައް ކުރެވެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ކޯޓަށް ހާޒިރުވާން އަންގާފައިވަނިކޮށް ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނަށް ވަދެ ހިމާޔަތް ހޯދުމަކީ ވެސް ހިންގާފައިވާ ކަންކަމެވެ. އަދި އެކިއެކި އެމްބަސީތަކުގައި ރާއްޖޭގެ ދާހިލީ ކަންކަމަށް ބާރުފޯރުވަން ބައްދަލުވުންތައް ބާއްވާ ކަމަކީ ކުރެވޭ ތުހުމަތުތަކެވެ.

"މިލްޓްރީ ބެކްރައުންޑް މީހުން ގިނައިން މިއަންނަނީ، ދެން މިތިބެނީ ފޮރިން ޕޮލިސީތަކަށް ސީދާ ތައްޔާރުކޮށްފައި ތިބޭ މީހުން. މިމީހުން ޒިޔާރަތްކުރާނެ އެކިއެކި ސިމްޕޯޒިއަމް [މަހާސިންތާ]ތަކަށް، އެމީހުން އެޓެންޑް ކުރާނެ، އެމީހުންނަކީ ދުނިޔޭގެ ކަންކަމަށް ވަރަށް އަޕްޑޭޓް މީހުން، އެމީހުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހުންނާ ގުޅި މީހުންގެ ކަންކަން ހޯދާނެ، އެއަށް ފަހު އެމީހުން ބޭނުންވާ ގޭމް ކުޅޭނީ. އެކަން ރާއްޖޭގައި ވެސް ކުރަން ވަރަށް މަސައްކަތްކުރޭ،" ގައުމީ ސަލާމަތީ ބާރެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެމްބަސީތަކަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން

ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (ވީސީޑީއާރު)ގެ ދަށުން އެހެން ގައުމުތަކުން އެގައުމަކަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށްފައިވެ އެވެ. އެގޮތުން ގައުމެއްގެ ދާހިލީ ކަންކަމާ ނުބެހެވޭނެ ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

އެމްބެސެޑަރުން ވެސް ވާންޖެހެނީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެގައުމެއްގެ ރައްކާތެރިކަމާއި ކުރިއެރުމަށް މަގުތައް ހޯދައިދޭ ފަރާތަކަށެވެ. ނަމަވެސް އެނިންމުންތަކާ މެދު ގޮތެއް ނިންމައި ނިޔާ ކަނޑައެޅުމުގެ ބާރެއް އެމްބެސަޑަރުންނަކަށް ލިބިގެނެއްނުވެ އެވެ.

އެމްބަސީތަކަށް ލިބޭ ހިމާޔަތްތަކުގެ ތެރެއިން ގައުމެއްގައި ހުންނަ އެހެން ގައުމެއްގެ އެމްބަސީއަކީ ހުރުމަތްތެރިވެގެންވާ ބިމެއް ނުވަތަ އިމާރާތެއްގެ ގޮތުގައި ބަލައި، ބޭރު ގައުމެއްގެ އެމްބަސީ އަށް ނުވަތަ ހައި ކޮމިޝަނަށްގެ އެމްބަސީ ހުންނަ ގައުމެއްގެ ސަލާމަތީ ބާރުތަކަށް ވެސް ނުވަދެވޭނެ އެވެ. އަދި ޑިޕްލޮމެޓުންނަށް އެގައުމެއްގައި ދަތުރުކޮށް އުޅުމުގެ މިނިވަންކަން ލިބިގެންދެ އެވެ.

ފޮރިން މިނިސްޓްރީ އިން ކޮންޓުރޯލް ކުރެވެން ޖެހޭ

ހާރިޖީ ގުޅުމަކީ ވަރަށް އިހުތިރާމް ކުރަން ޖެހޭ ގުޅުމެކެވެ. ހާއްސަކޮށް އެގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް މަރުހަބާ ކިޔުމަކީ ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ. ނަމަވެސް އޮންނަ އުސޫލުން ބޭރުވެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކުރަން މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަންޖެހެ އެވެ. ވިއެނާ ކޮންވެންޝަންގެ ދަށުން ސަފީރުން ފޮނުވާލެވޭނެ ބާރު ވެސް ފޮރިން މިނިސްޓްރީއަށް ލިބިގެންވެ އެވެ.

މީގެ ކުރިން ރާއްޖޭގައި ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނަށް ވެއްދުން ފަދަ ކަންކަމުގައި ރާއްޖެ އިން ކަންބޮޑުވާ ކަންތައްތަކާ ގުޅޭ ގޮތުން "އިންފޮމޭޝަން ނޯޓެއް" ހަވާލު ކުރުމަށް އިންޑިއާ އިން އޭރު ރާއްޖެ ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޑީއެމް. މުލޭ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި އެވެ.

ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެމްބަސަޑަރުން ސިޔާސީ ފަރާތްތަކާ ބައްދަލުކުރުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް މަސައްކަތްކޮށް ސިޔާސީ މަސައްކަތް ކުރާ ނަމަ އެއީ މައްސަލައެކެވެ. ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ނަމަ އެކަންކަން އިސްލާހު ކުރަން އަންގަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮންމެ އަކަސް ދިވެހިން ބޭނުންކޮށްގެން ދިވެހިންގެ ދާހިލީ ކަންކަމާ ބެހުމަކީ އޭރުވެސް މިހާރު ވެސް ހިންގަމުން އަންނަ ކަމެކެވެ. ޖާސޫސް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދާ ހިލާފުކަމެކެވެ. އަދި ދިވެހި އެކަން ބޭރުގެ ބަޔަކަށް ކޮށްދޭއިރު ގައުމަށް ވެވޭ ހިޔާނާތް ހަނދާނަށް ގެންނަން ޖެހެ އެވެ.

އައްޑުއަށް އިނގިރޭސީން ގަދަވެ ވަކިވެގަންނަން އުޅުނު މައްސަލާގައި ދިވެހިންގެ ލޭ ކެކެންފެށި އެވެ. މިއަދު ވެސް ހަމަ އެމަގުން ކަންވާނެ ކަމަށްބެލެވެ އެވެ. ބޭރުގެ ގައުމުތަކުން ރާއްޖެއަށް އަތްގަދަ ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން މިބުނާ ސަފީރުންގެ ދައުރަށް މިވަނީ އިހުނަށް ވުރެ ބޮޑަށް ވިސްނަންޖެހިފަ އެވެ. އަދި ގައުމު ކުޑަނަމަވެސް މިނިވަންކަން މަތީ ދެމެހެއްޓުމަށް ފިޔަވަލުތަކެއް ވެސް އަޅަންޖެހިފަ އެވެ.

comment ކޮމެންޓް