އަތޮޅުތެރޭގެ ތަރައްގީއަކީ ސަރުކާރަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، އަތޮޅުތެރެ ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި، ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހަމައެކަނި ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް ހިޖުރަކުރުވުން ނޫން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލެއަށް ގިނަ ރައްޔިތުން ހިޖުރަކުރަން ސަރުކާރުން ބާރު އެޅި ނަމަވެސް، އަތޮޅުތެރޭގައިވެސް ހުޅުމާލެ ފަދަ އުމްރާނީ މަރުކަޒުތަކެއް ބިނާކުރަމުން ގެންދާ ކަމަށެވެ.

ގދ. ތިނަދޫ މިއުޒިއަމް ޕާކު --- ފޮޓޯ/ ޓްވިޓަރ
"މިސާލަކަށް ގދ. ތިނަދޫ. ތިނަދުއަށް މިސަރުކާރުން އެއް ބިލިޔަނަށް ވުރެ ގިނަ ރުފިޔާ މިހާރު ޚަރަދު ކޮށްފި. ހދ. އަތޮޅުގައި އެއާޕޯޓެއް އޮއްވާ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަން އުޅެނީ، އެރަށް ވަރުގަދަ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ބޭނުންވާތީ. ކައިރި ފަޅުރަށެއްގައިވެސް އެއަޕޯޓު ހެދެން އޮއްވާ، ށ. ފުނަދޫ އެއްފަސްކޮށް، ހިއްކައިގެން އެރަށުގައި އެއާޕޯޓު ހަދަން އުޅެނީ ށ. ފުނަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ބޭނުންވާތީ،" މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޅ. ނައިފަރާއި، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުއްށި ތަރައްގީކުރުމަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށާއި، އަދި ކުރަމުންދާ ކަމަށްވެސް މިނިސްޓަރު މުއިއްޒު ފާހަގަކުރެއްވިއެވެ.

ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓު ---
މުއިއްޒު ވިދާޅުވީ، ސަރުކާރުން ވަނީ ކޮންމެ އަތޮޅެެއްގައިވެސް މިފަދައިން އުމްރާނީ މަރުކަޒެއް ބިނާކުރުމަށް ރަށެއް ކަނޑައަޅާފައި ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ އެ މަރުކަޒީ ރަށެއްގެ ކައިރީގައި ހުރި ކުދިކުދި ރަށްރަށުގެ ރައްޔިތުން ހިޖުރަކުރުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެތަންތަނަށް މީހުން ޖަމާކޮށްފައި މީހުން އުޅޭ ރަށްތައް މަދުކުރި ވަރަކަށް ރައްޔިތުންނަށް ފައިދާވާނީ،"
މުއިއްޒު ވިދާޅުވީ ރާއްޖޭގައި 500 މީހުންނަށް ވުރެ މަދުން މީހުން އުޅޭ 30 އެއްހާ ރަށާއި، 1،000 މީހުންނަށް ވުރެ މަދުން މީހުން އުޅޭ 80 އެއްހާ ރަށް އޮންނަ ކަމަށެވެ.
"މި ހުރިހާ ރަށްރަށުގެ މީހުން އެކި ދިމަދިމާލަށް ބަހާލީމަ ރައްޔިތުންނަށް ފައިދާވާނީ. ކުދިކުދި ރަށްތަކުގައި ތިބުމަށްވުރެ، ބޮޑެތި އުމްރާނީ މަރުކަޒުތަކަށް ދިޔައިމަ އެމީހުންނަށް ރަނގަޅު ވަޒީފާ ލިބޭ، ދަރީންނަށް ތައުލީމީ ފުރުސަތުތައް ލިބޭ، އަދި ހިތްހަމަޖެހޭ މާހައުލެއް ލިބޭނެ،" ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށެއްގެ މަގުމަތި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޑރ. މުއިއްޒު ވިދާޅުވީ، މިފަދައިން ކުދި ރަށްރަށުން ރައްޔިތުން އުމްރާނީ މަރުކަޒުތަކަށް ބަދަލުކުރުމުގެ ފުރިހަމަ ފައިދާ ލިބޭނީ، ވަކި ބަޔަކު ހިޖުރަ ކުރުމަށްވުރެ، މުޅި ރަށުގެ އާބާދީ އެއްކޮށް ހިޖުރަކުރުމުން ކަމަށެވެ.
އެހެން ނަމަވެސް އެފަދައިން އަމިއްލަ ބިންތައް ދޫކޮށްލައި، ހިޖުރަކުރާ ރައްޔިތުން ދޫކޮށްލާ ބިންތަކަށް ހަދާނެ ގޮތެއް ސަރުކާރުން ނުނިންމާ ކަމަށާއި، އެ އުސޫލުތަކާއި ތަފުސީލުތައް ފޯމިއުލޭޓު ނުކުރާ ކަމަށެވެ.
"އަސްލު ބޮޑަށް ބޭނުންވަނީ ރަށެއްގެ އެއްބަޔަށް ވުރެ، މުޅި ރަށް އެއްކޮށް ބަދަލުވާން. އޭރުން ދެއްތޯ ރަށަށް ކުރެވޭ ހަރަދުތައް ސަލާމަތް ކުރެވި، ރައްޔިތުންނަށް އަސްލު މަންފާއެއް ކުރާނީ. އެއްބަޔަކު ބަދަލުވެފައި އަނެއް ބަޔަކު ތިބީމާ އެންމެ ރަނގަޅު ނަތީޖާ ނުނުކުންނާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.