މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 20 ޒުވާނަކު ހައްޔަރުކޮށްފި

ތަފާތު މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި -- ޕޮލިސް ފައިލް ފޮޓޯ

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި މާރާމާރީއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 20 ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނުން ހައްޔަރުކޮށްފައި ވަނީ މ. ލޮނުމިދިލިގޭ ކައިރިންނެވެ.

އިތުބާރު ހުރި ފަރާތަކުން "ސަން"އަށް ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ތޫނު ހަތިޔާރާއެކުގައި ކަމަށާއި މޫނު ނިވާކުރަން ގެންގުޅޭ އާލާތްތައް ވެސް އެ މީހުންގެ އަތުގައި ހުރި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މާލޭގެ ބައެއް ތަންތަން ބަލައި ފާސް ކުރަމުންދާ ކަމަށާއި އެގޮތުން މ. ލޮނުމިދިލިގޭ ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ އަދަދެއް، އަދި އެ މީހުންގެ މައްޗަށް ކުރާ ތުހުމަތު ފުލުހުން ހާމައެއް ނުކުރެ އެވެ.

މިއަދު އިރުއޮއްސި 6:30 ހާއިރު، ލޮނުޒިޔާރަތް މަގުގައި ހުރި ކެފޭއެއްގައި ދިން ވަޅީގެ ހަމަލާގައި ޒަހަމްވެފައި ވަނީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އެވެ. އޭނާ ހާލު ސީރިއަސްވެ ސަލާމަތްވާނެ ކަމުގެ އުންމީދު ކުޑަ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ކެފޭއަށް ވަދެ ވަޅި ހަރާފައި ވަނި ނަދީމުގެ ބޮލަށެވެ. އެ ހަމަލާގައި އޭނާގެ ސިކުނޑިއަށް ލޭ އެޅި، ހޭނެތުނު ގޮތަށް އަދިވެސް ހޭނާރަަ އެވެ. އޭނާ ނޭވާލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

މާލޭގައި ސިލްސިލާ މާރާމާރީތައް އިތުވެފައިވާއިރު، އެ މާރާމާރީތައް ހިންގަން މެދުވެރިވި ސަބަބާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ. މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގި ދެ މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް