ސަގާފަތާއި ތަރިކައިގެ ދާއިރާއިން އެއްބާރުލުން ދޭން ރާއްޖެ-މެލޭޝިއާ އެއްބަސްވެއްޖެ

ސަގާފަތާއި ތަރިކައިގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މެލޭޝިއާއާ ދެމެދު މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ސަގާފަތާއި އާޓްސް އަދި ތަރިކައިގެ ދާއިރާއިން އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ ގޮތުން ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މެލޭޝިއަން ޓޫރިޒަމް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މެލޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ޓޫރިޒަމް އެންޑް ކަލްޗަރ މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު، މުހައްމަދު ފަހުމީ ހަސަން އެވެ.

އެއްބަސްވުމާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާ ދޭތެރޭ މީގެ ކުރިން ބައެއް މައްސަލަތައް ހުރި ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދު ސޮއިކުރި އެއްބަސްވުމަކީ ވެސް އެކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސަގާފަތާއި އާޓްސް އަދި ތަރިކައިގެ ދާއިރާއިން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

އެގޮތުން އަތްތެރި މަސައްކަތްތަކުގެ މައުރަޒުތައް ބޭއްވުމާއި މިއުޒިކް ކުރިއެރުމުގެ ދާއިރާއިން ޕްރޮގްރާމްތައް ހިންގޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މެލޭޝިއާގައި ގާއިމް ކުރަން ނިންމާފައިވާ އެޑިއުކޭޝަން ކަލްޗަރަލް ސެންޓަރުގެ މަސައްކަތްތައް ވެސް މި އެއްބަސްވުމުގެ ދަށުން ހިމެނިފައިވާނެ ކަމަށެވެ.

މެލޭޝިއާގައި ގާތްގަނޑަކަށް 4000 ދިވެހިން ދިރިއުޅެމުންދާއިރު، އެ ގައުމަކީ އެންމެ ގިނަ އަދަދެއްގެ ދިވެހިން ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް ހިޖުރަކޮށްގެން ދިރިއުޅޭ ތިން ވަނަ ގައުމެވެ.

comment ކޮމެންޓް