ފުރާވަރު އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ އުމުރުން 15 އަހަރުގެ ޝައިނާ ---

އުމުރުން 15 އަހަރުގެ ކުއްޖަކު ރޭ ދަންވަރުން ފެށިގެން ގެއްލިެގން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުންދަނީ ރެހެންދި ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުންދާ ފާތިމަތު ޝައިނާ އަހުމަދު ނަމަކަށް ކިޔާ ކުއްޖެކެވެ.

ފުލުހުން ވެސް ވަނީ އުމުރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަން ސަން އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސަން އަށް މައުލޫމާތު ދެމުން ގެއްލިގެން ހޯދަމުންދާ ޝައިނާގެ ބައްޕަ އަހުމަދު ސަލީމް ބުނީ، މަންމައާއެކު ހުޅުމާލޭގައި ދިރިއުޅެމުންދާ ޝައިނާ ގެއްލިގެން ހޯދަމުންދަނީ އިއްޔެ މާލެ އައިސް ރައްޓިއްސެއް ގޭގައި ހުރެފައި، ފާހާނާއަށް ދިއުމަށް ނުކުތް ގޮތަށް ހަބަރެއް ނުވެގެން ކަމަށެވެ.

"އެގެއަކީ އާއްމުކޮށް ގޮސް އުޅޭ ގެއެއް. އެގޭގައި ހުރެފައި ފާހާނާއަށް ގޮސްފަ އަންނާނަމޭ ބުނި ގޮތަށް ހަބަރެއް ނުވެގެން ލަސްވެގެން ބެލިއިރު ނެތް. ފައިވާންވެސް ހުރި. ރޭ ދަންވަރު ވެސް އެ ސަރަހައްދު ހޯދައި ބެލުމަށްފަހު ދެން ފުލުހުންނަށް ރިޕޯޓް ކުރީ،" ޝައިނާގެ ބައްޕަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ޝައިނާއަކީ ރަނގަޅު އަދި މީގެ ކުރިން ފިލައިގެން ގޮސްފައިނުވާ އަދި އެފަދަ ވާހަކައެއް ވެސް ދެއްކި ކުއްޖެއް ނޫނެވެ. ޝައިނާ އެންމެ ފަހުން ލައިގެން ހުރީ މަޑު ނޫކުލައިގެ ޓޮޕް ކޮޅެއް ކަމަށާއި އަޅައިގެން ހުރީ ކަޅު ބުރުގަލެއް ކަމަށެވެ.

ސަލީމް ބުނި ގޮތުގައި، މިއަދު 5:30 ކަންހާއިރު ޝައިނާ ހުޅުމާލެ އިން ފެނުނު ކަމަށް މީހަކު ގުޅާފައި ބުނި ކަމަށެވެ. އެހެންކަމުން އޭނާ ހޯދުމަށް މާލޭގެ އިތުރުން ހުޅުމާލެ ވެސް މިހާރު ގެންދަނީ ބަލަމުންނެވެ.

ސަލީމް މިހާރު ވަނީ ޝައިނާ ގެއްލިގެން އޭނާގެ ފޮޓޯއާއެކު އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އަދި ޝައިނާ ހޯދައިދިން މީހަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ވަނީ ހުށަހަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް