ބޭސް ފަރުވާއަށް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމު ކަމަށްވާ ތައިލެންޑުގައި ހުންނަ ބެންކޮކް ހޮސްޕިޓަލުގައި ދިވެހިންނަށް ޚާއްސަ ކައުންޓަރެއް ގާއިމްކޮށްފި އެވެ.
ބޭންކޮކް ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުގެ ދެ ވަނަ ފްލޯގައި ދިވެހިންނަށް ޚާއްސަ ކަސްޓަމާ ކެއާ ކައުންޓަރެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ ކައުންޓަރުން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށްވެސް ޕޯސްޓުގައި ވެއެވެ.

ދިވެހިންނަށް ޚާއްސަކޮށްގެން ބެންކޮކް ހޮސްޕިޓަލުގައި ގާއިމް ކުރި ކައުންޓަރު -- ފޮޓޯ: ބެންކޮކް ހޮސްޕިޓަލް
ދާދި ފަހުން ހައިރައިޒް އިން އިންތިޒާމުކޮށްގެން ބޭއްވި ވެކޭޝަންސް އެކްސްޕޯގައިވެސް އެ ހޮސްޕިޓަލުން ވަނީ ބައިވެރިވެ އެ ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ މައުލޫމާތު ދިވެހިންނާ ހިއްސާކޮށްފައެވެ.
އެ އެކްސްޕޯއަށް 3700 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި އިރު، އެ މައުރަޒު ވެފައިވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާ އަށެވެ.