"ދެސްޕަސީތޯ"ގެ ލަވަކިޔުންތެރިން ވެނެޒުއޭލާގެ ރައީސް ކުށްވެރިކޮށްފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ --- ފޮޓޯ: ރޮއިޓާސް

މަޝްހޫރު 'ދެސްޕަސީތޯ' ލަވަ ކިޔާފައިވާ ލުއިސް ފޮންސީ އަދި ޑެޑީ ޔެންކީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

މަދޫރޯ ވަނީ ފޮންސީ އަދި ޔެންކީގެ މަޝްހޫރު ލަވައިގެ އައު ވާޝަން އެއް އޭނާ ކޮންމެ ހަފްތާއަކު ހުށައަޅައިދޭ ޕްރޮގްރާމުގައި ގެނެސްދީފަ އެވެ.

އެލަވަ ކިޔާފައިވާ ފަންނާނުން ވަނީ އެމީހުންގެ ހުއްދައެއް ނެތި 'ދެސްޕަސީތޯ'ގެ އިތުރު ރިމިކްސްއެއް ހުށައަޅާފައިވާތީ އެކަން ކުށްވެރިކޮށްފަ އެވެ. ލަވައިގެ ލިރިކްސް އަށް ބަދަލު ގެނެސް ހުށައަޅައިދިން މި ވާޝަންގައި މަދޫރޯ ވަނީ އަންނަ އާދިއްތަ ދުވަހު ހޮވޭ ރައްޔިތުންގެ މަޖިލިސްގެ ވާހަކަތަކާއި އަދި އެ ގައުމުގެ ގާނޫނު އަސާސީއަށް ގެނެވޭ ބަދަލުތަކުގެ ވާހަކަތައް ދައްކައިފަ އެވެ.

'ދެސްޕަސީތޯ' ލަވައިގެ މަންޒަރެއް --- ފޮޓޯ: ޔުނިވާސަލް މިއުޒިކް

މަދޫރޯގެ ވީކްލީ ޝޯވްގައި މި ލަވައިގެ ބަދަލުގެނެވުނު ވާޝަން ގެނެސްދިން އިރު އޭނާ އަތްޖަހާ މަންޒަރާއި ބެލުންތެރިން ނަށާ މަންޒަރު ފެނިގެންދެ އެވެ.

މިމައްސަލާގައި ފޮންސީ ބުނީ "އަހަރެން އެއްވެސް އިރެއްގައި އެއްވެސް ފަރާތަކަށް ނޯންނާނެ [ދީފައެއް]، އަހަރެމެންގެ ލަވަ ސިޔާސީ މަގުޞަދެއް ހާސިލުކުރުމަށް އޭގެ ލިރިކްސް ބަދަލުކޮށް އޭގެ ބޭނުން ހިފާކަށް" އަދި މީގެ އިތުރުން އޭނާ ބުނީ އޭނާ މިއުޒިކު ތައްޔާރުކުރަނީ މީހުންގެ ހިތްހަމަޖެއްސުމަށާއި އުފަލަށް ކަމަށާއި އަދި ސިޔާސީ ބޭނުންތަކަށް އޭނާ މިއުޒިކު ތައްޔާރުކުރަން އެއްވެސް އިރެއްގައި ތާއީދު ނުކުރާ ކަމަށެވެ.

މިލަވައިގެ ދެވަނަ ލަވަ ކިޔުންތެރިޔާ ޑެޑީ ޔެންކީ ވެސް ވަނީ މަދޫރޯގެ ފޮޓޯގެ މަތީގައި ރަސްގެއެއް ލާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާ ކޮށްފަ އެވެ.

comment ކޮމެންޓް