އަގްސާގައި ބެހެއްޓި މެޓަލް ޑިޓެކްޓަރުތައް ނަގަން އިސްރާއީލުން ނިންމައިފި

އިސްރާއީލުން ވަނީ އަގްސާ މިސްކިތުގެ ބޭރުގައި ބެހެއްޓި މެޓަލް ޑިޓެކްޓަރުތައް ނެގުމުގެ މަސައްކަތް ފަށާފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖުލައި 25): އިސްރާއީލުން އަލް އަގްސާގައި ބެހެއްޓި މެޓަލް ޑިޓެކްޓަރުތައް ނަގަން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަލާމަތީ ކެބިނެޓުން ނިންމައިފި އެވެ.

ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ގައުމުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ސަލާމަތީ ކަންތައްތަކާ ބެހޭ އިދާރާތަކުގެ ލަފާ ހޯދައި، އަގްސާ މިސްކިތުގައި ބެހެއްޓި މެޓަލް ޑިޓެކްޓަރުތައް ނެގުމަށް ފަހު އޭގެ ބަދަލުގައި އެހެން ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ.

އެބަޔާނުގައިވާ ގޮތުން އާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި މިސްކިތެއް ކައިރީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރުމަށް ކެބިނެޓުން ވަނީ 28 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. އަދި އިސްރާއީލް ފުލުހުން ވަނީ މެޓަލް ޑިޓެކްޓަރުތައް ނެގުމުގެ މަސައްކަތް ފަށާފަ އެވެ.

އިސްރާއީލުން އަގްސާ މިސްކިތުގައި މެޓަލް ޑިޓެކްޓަރުތައް ހަރު ކުރީ އެ ސަރަހައްދުގައި މިމަހުގެ 14 ވަނަ ދުވަހު ބަޑިން ހަމަލާދީ އިސްރާއީލުގެ ދެ މީހަކު މަރާލުމާ ގުޅިގެންނެވެ.

ނަމަވެސް ފަލަސްތީނުން ވަނީ އެއީ އިސްރާއީލުން އަގްސާ މިސްކިތަށް އަތްގަދަ ކުރަނީ ކަމަށް ބުނެ ނުރުހުންފާޅުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން ވަނީ މިސްކިތުގެ އެތެރޭގައި ނަމާދު ކުރުމަށް ދެކޮޅު ހަދައި، މިސްކިތް ކައިރީގައި މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ފަލަސްތީނުގެ ތިން މީހަކު ވަނީ މަރުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް