މިނިވަން ދުވަހު އުތީމު ގަނޑުވަރު ހުންނާނީ ހުޅުވާފަ

އުތީމުގައި ހުންނަ އުތީީމު ގަނޑުވަރު: މިއީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެ ---

ޕޯޗްކީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވި ހއ. އުތީމު ތިންބެއިން ދިރިއުޅުއްވި ގެކޮޅު ކަމަށްވާ "އުތީމު ގަނޑުވަރުގެ" މިނިވަން ދުވަހު ހުޅުވާފައި ބެހެއްޓުމަށް ނިންމަިއފިއެވެ.

މިދިޔަ ފިތުރު އީދު ބަންދާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުވުމުން ގިނަ ބަޔަކު ވަނީ ގަނޑުވަރު ބެލުމަށް އުތީމަށް ގޮސްފައެވެ. ނަމަވެސް މުޅި އީދު ބަންދަށް އެގަނޑުވަރު ވަނީ ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މިނިވަން ދުވަހާ ގުޅިގެން މާދަމާ އާއި ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ކުރަން ނިންމާފައިވާއިރު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާދަމާ ގަނޑުވަރު ހުޅުވާނެ ކަމަށާއި މާދަމާ ގަނޑުވަރު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ގަނޑުވަރު ބަންދުކޮށް ހޮނިހިރު ދުވަހުން ފެށިގެން ގަނޑުވަރު ހުޅުވުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަރުކަޒުން މައުލޫމާތުދެ އެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މިދިޔަ އީދު ބަންދުއެއްކޮށް ގަނޑުވަރު ބަންދުކުރުމާއެކު ގިނަ ބައެއްގެ ޝަކުވާ ލިބިގެންދިޔަ ކަމަށާއި މިފަހަރުގެ ބަންދު ދެ ދުވަހުގެ ތެރެއިން އެއް ދުވަހު ގަނޑުވަރު ހުޅުވާފައި ހުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

އުތީމު ގަނޑުވަރު ބެލުމަށް އެތައް ސަތޭކަ ބަޔަކު ބަންދު ދުވަސްތަކުގައި އެ ރަށަށް އަންނަމުންދާތީ ބޮޑު އެ ރަށުގެ އެކިއެކި ވިޔަފާރިތަކަށް އަންނަނީ ބޮޑު ނަފާއެއް ލިބެމުން ކަމަށް ރަށު ކައުންސިލުން ބުނެއެވެ.

ތާރީހީ ބިނާތަކާއި މިއުޒިއަމްފަދަ ތަންތަނަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސަރުކާރު ބަންދުވުމުން ބަންދުކުރާ ތަންތަނެއް ނޫނެވެ. ސަބަބަކީ އެތަންތަން ބަލަން މީހުންނަށް ދެވޭނެ ދުވަސްވަރަކީ ބަންދު ދުވަސްތައް ކަމަށްވާތީ އެވެ.

އުތީމު ގަނޑުވަރަކީ؟

އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް ޖިހާދު ކުރެއްވި އުތީމު ތަކުރުފާނުންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ.

އުތީމު ތިންބެއިންނާއި ފާޠިމާފާނު އުޅުއްވައި ބޮޑުފުޅުވީ މިގެކޮޅުގަ އެވެ. އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައި ހުރީ ބިމަށް ކާނިމުޑިޖަހައި، ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެވަކަރުތަކަށް މެއްލަޖަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައި ހުރި ބިތްތައް މިހާރު ވެސް ފެންނަށް އެހުރީ އޭރު ހުރި ގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައި ހުރީ ބިތްފަނުންނެވެ.

ޕޯޗްކީޒުންގެ ކިބައިން ދިވެހިން ސަލާމަތް ކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ އުތީމް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް(ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) އާއި، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އާއި އުތީމު ޢަލީ ތަކުރުފާނެވެ.

comment ކޮމެންޓް