ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

12 ޖުލައި 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު 'ސަން' އަށް ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ގާސިމް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ވަަޑައިގެންނެވީ ގެއަށް ކަމެއް ނުވަތަ އެހެން ތަނަކަށް ކަމަށް އެނގިވަޑައިނުވަގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށް ތާވަލުކޮށްފައެވެ.

ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މޭގައި ރިއްސައިގަނެ، ނޭވާލާން އުނދަގޫ ވެގެން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު މެޑިކާ ގައެވެ. އެހެން ނަމަވެސް ހަމަ އެދުވަހު ގާސިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އަދި ހާލު ސީރިއަށް ވުމާ ގުޅިގެން އެރޭ ވަނީ އޭޑީކޭގެ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

ގާސިމް އޭޑީކޭއިން ފަރުވާ ހޯދަން ފެށީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފައިވުމުން، ރާއްޖެއިން ބޭރަށް ފުރައިވަޑައި ނުގެންނެވުމުންނެވެ.

comment ކޮމެންޓް