ފަސް ރުފިޔާގެ އާ ނޫޓު ޗާޕު ކޮށްގެން ރާއްޖެ ގެނެސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ތައާރަފްކުރި ރަން ދިހަފަހެއްގެ އާ ފަސް ރުފިޔާގެ ނޫޓް -- ފޮޓޯ: އެމްއެމްއޭ

ދިވެހި ފައިސާގެ ފަސް ރުފިޔާގެ އާ ނޫޓު ޗާޕު ކޮށްގެން މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަޒީ ބޭންކުން ބުނީ، ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ ފަސް ރުފިޔާގެ ނޫޓު ޗާޕުކޮށްގެން މިއަދު ރާއްޖެ ގެނެވި، ދައުލަތުގެ ހަޒާނާގައި ރައްކާކުރެވިފައިވާ ކަމަށެވެ.

ނޫޓުތައް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައިވަނީ، ރަން ދިހަފަހެއްގައި ހިމެނޭ އެހެން ނޫޓުތައް ވެސް ޗާޕުކުރި އިނގިރޭސި ވިލާތުގެ ޑިލާރޫއިންނެވެ.

މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ރަން ދިހަފަހެއްގެ ނޫޓް ސީރީޒްގައި ހިމެނޭ، ފަސް ރުފިޔާގެ އާ ނޫޓް ތައާރަފްކުރީ، މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ނޫޓު ބޭނުން ކުރަން ފަށާނެ ކަމަށް އެމްއެމްއޭ އިން މީގެ ކުރިން ބުނެފައިވަނީ މި މަހުގެ ތެރޭގައެވެ.

އެމްއެމްއޭ ތަރުޖަމާނު މަންސޫރު ޒުބައިރު މިރޭ ވިދާޅުވީ، ފަސް ރުފިޔާގެ އާ ނޫޓު މިއަދު ރާއްޖެ ގެނެވުނު ނަމަވެސް، އެތަކެތި ބޭނުން ކުރަން ފަށާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ ނޫޓު ބޭނުން ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ރަން ދިހަފަހެއްގެ 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިނެމޭގޮތަށް ޕޮލިމާ ކަރުދާހުގައި ތައްޔާރުކޮށްފައިވާ، 5 ރުފިޔާގެ ނޫޓުވެސް ފަރުމާކޮށްފައި ވަނީ، މި ސީރީޒްގެ ކުރީގެ ނޫޓުތައްވެސް ފަރުމާކޮށްފައިވާ އަބްދުﷲ ނަޝާތެވެ.

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ މޫނުމަތިން ދައްކުވައިދެނީ ފުޓްބޯޅައާއި ސަގާފީ އެކި ކުޅިވަރުތަކުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަމެވެ. ނޫޓުގެ ފަހަތުގައި ސަންގެއް ކުރަހާފައިވާއިރު އެއިން ދައްކުވައިދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެކެވެ.

ނޫޓުގެ ޕެޓާން ދައްކައިދެނީ، އިޖްތިމާއީ ގުޅުން އަދި މުޅި ރާއްޖެ މުއާސަލާތީ ގޮތުން ގުޅިފައިވާކަން ދައްކައިދޭ ލައިން ޕެޓާނެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2016 ވަނަ އަހަރު ދައުރުކުރުމަށް ނެރުނު ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ޑިނޯމިނޭޝަންތައް ކަމުގައިވާ 10، 20، 50، 100، 500 އަދި 1000 ރުފިޔާއަށް 5 ރުފިޔާ އިތުރުކުރުމުން މި ނޫޓު ވެގެންދާނީ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ އެންމެ ދަށް ޑިނޯމިނޭޝަންގެ ނޫޓަށެވެ.

comment ކޮމެންޓް