ފެނުގެ ދުވަހާ ގުޅިގެން ބޭއްވި ފޮޓޯ މުބާރާތުގެ އެއްވަނަ ޔާސިފަށް

"ވޯޓަރ ފޯ އައިލެންޑްސް " ގެ ނަމުގައި ބޭއްވުނު ޕޮޓޯ މުބާރާތުގެ އެއްވަނަ އަށް ހޮވުނު ޔާސިފްއަށް މިނިސްޓަރު އިނާމް ހަވާލުކޮށް ދެއްވަނީ

ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިިޓީ (ގެފް) އިން އިންރިޒާމް ކޮށްގެން، "ވޯޓަރ ފޯ އައިލެންޑްސް"ގެ ނަމުގައި ބޭއްވި ފޮޓޯ މުބާރަތުގެ ނަތީޖާ އިއުލާން ކޮށްފިއެވެ.

މިއަދު މެންދުރު އެންވަޔަރަންމަންޓް މިނިސްޓްރީ ގައި އެކަމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފު ވެރިކޮށް ދެއްވައި އިނާމްތައް ބައްސަވައި ދެއްވީ އެންވަޔަރަންމަންޓް މިމިނިސްޓަރު ޠާރިޤް އިބްރާހިމް އެވެ.

މާރޗް ދޭކުން އެއްތިރީހަށް ކުރިއަށް ގެންދިޔަ އެ މުބާރާތަކީ ފެން އަލުން ބޭނުން ކުރުމާއި އަދި ރަނގަޅު ގޮތުގައި ފެން މެނޭޖް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަލުވައިލުމުގެ މަގްސަދުގައި ބޭއްވުނު މުބާރާތެކެވެ.

އެ މުބާރާތުގެ އެއްވަނަ ބައިވެރިއަކަށް ހޮވިފައިވަނީ މުހައްމަދު ޔާސިފްއެވެ. އޭނާއަށް އިނާމުގެ ގޮތުގައި ކެނޮން ކެމެރާއެއް ވަނީ ދީފައެވެ.

މުބާރާތުގެ ދެވަނަ ބައިވެރިއަކަށް ހޮވިފައިވަނީ ހުސެއިން ނިޔާޒެވެ. އޭނާއަށް އިނާމުގެ ގޮތުގައި ވަނީ 5000 ރުފިޔާ ހަވާލުކޮށްފައެވެ. ތިންވަނައަށް އައިސްފައި ވަނީ ފާތިމަތު ހަމްދާއެވެ. އޭނާ އަށް ވަނީ 3000 ރުފިޔާގެ އިނާމެއް ދީފައެވެ.

އެމުބާރާތުގައި ޖުމްލަ އަށާރަ ފަރާތަކުން ބައިވެރިވެ، 45 ފޮޓޯ ހުށަހަޅައިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަންމަންޓް މިނސްޓްރީން ބުނިގޮތުގައި އެ މުބާރާތުގަައި އެންމެ ރަނގަޅު ދެ ފޮޓޯ ހުށަހަޅައިފައިވާ ފަރާތްތަކަށް، ސެޕްޓެމްބަރު މަހު ސްވިޑަންގައި އޮންނަ ވޯލްޑް ވޯޓަރ ވީކްގައި ބައިވެރިވުމުގެ ފޮރުސަތު ލިބިގެންދާނެއެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިޤު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ހޯއްދަވައިދެއްވުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވިއިރު ރައްކާތެރި ފެނުގެ ނިޒާމް ގާއިމް ކުރެވިފައިވާނީ އެންމެ ހަރަށުގައި ކަމަށާއި އަދި މިހާރު ސޯޅަ ރަށުގައި ފެނުގެ ވިއުގަ ގާއިމް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި 44 ރަަށެއްގައި ފެން ރައްކާކުރާ ސިސްޓަމް ގާއިމް ކުރެވިގަންދާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ރައީސް ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި ރައްކާތެރި ކަމުގެ ފެނުގެ ނިޒާމް ނުވަތަ ނެޓްވާކް އެޅިފައި އޮތީ އެންމެ ހަރަށުގައި. އެހެންނަމަވެސް އަޅުގަނޑުމެން ބަލައިލާ ކަމަށް ވަންޏާ މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަސައްކަތް ފައްޓައި ނިންމާފައި ވާނެ ސޯޅަ ރަށެއްގައި. އަދި މާލަސްތަކެއް ނުވެ 44 ރަށެއްގައި ފެނުގެ ސްޓޯރޭޖް ސިސްޓަމްތަކެއް ގާއިމް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް