އަޑަށްވުރެ ދެގުނަ ބާރަށް ދަތުރުކުރާ މިސައިލް ޕްރޮޖެކްޓެއްގެ މަސައްކަތް އީރާނުން އިޢުލާންކޮށްފި

އީރާނުން އުފައްދާ ބައެއް މިސައިލް ޕެރޭޑެއްގައި ދައްކާލަނީ

ތެހެރާން (ޖުލައި 23): އީރާނުން އައު ބާވަތެއްގެ މިސައިލް ޕްރޮޖެކްޓެއްގެ މަސައްކަތް އިޢްލާންކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން އީރާނުގެ ވައިގެ ސިފައިންގެ ވެރިޔާ ބްރިގޭޑިޔަރ ފަރްޒާދު އިސްމާއީލީ ވިދާޅުވީ އަލަށް އުފައްދަންފަށާފައިވަނީ ސޮއިދު މަރުކާގެ މިސައިލް ނިޒާމެއްކަމަށާ މިއީ ރާޑަރަށް ނާރާ މަތިންދާބޯޓާއި މިސައިލާއި ޑްރޯންފަދަ ތަކެތި ވައްޓާލުމަށް ޚާއްސަކޮށްގެން އުފައްދާ މިސައިލް ސިސްޓަމެއްކަމުގައެވެ.

އަޑަށްވުރެ ދެގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މި މަރުކާގައި ހިމެނޭނީ ކުރުރާސްތާއާއި މެދު ރާސްތާގެ މިސައިލެވެ. މިމިސައިލްތައް 27 ކިލޯ މީޓަރާއި 160 ކިލޯ މީޓަރާ ދެމެދުގެ ރާސްތާތަކަށް ދަތުރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިގޭޑިޔަރ ފަރްޒާދާ ހަވާލާދީ އީރާނުގެ ރަސްމީ މީޑީޔާ ބުނާގޮތުން ސޮއިދު މަރުކާގެ މިސައިލަކީ އީރާނުގެ މައި މިސައިލް ޕްރޮގްރާމުގައި ހިމެނޭ ވަކި ކޮންޕޮނެންޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މިސައިލް އުފައްދަން މިހާރު ފަށާފައިވީނަމަވެސް މިތަކެތި ޓެސްޓްކޮށް އަޖުމަ ބެލުމަށްފަހު އީރާން ސިފައިންނާއި ރިވޮލިއުޝަރަނީ ގާޑުންގެ ޚިދްމަތަށް ނެރެވޭނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމަކީ ދުނިޔޭގައި އެންމެ ކާމިޔާބު މިސައިލް ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. 1980 ގެ އަހަރުތަކުގައި އީރާނުން މިޕްރޮގްރާމް ފެށީ ގަލްފުގެ އަރަބި ގައުމުތަކުގެ މާލީ އެހީ އާއި އެމެރިކާގެ އަސްކަރީ އެހިއާއެކު އިރާގުން އީރާނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް އީރާނުގެ ބިމުގެ ބޮޑުބައެއް ހިފުމާއެކު އަމިއްލައަށް ހަތިޔާރު އުފައްދައި ތަރައްގީ ކުރުމުގެ ވަރުގަދަ ރޫޙެއްގައެވެ. މިޕްރޮގްރާމާއެކު އީރާނުން ކުރިން ހުއްޓާލާފައި އޮތް ނިއުކްލިޔަރ ޕްރޮގްރާމްވެސް އަލުން ފެށިއެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅިނަމަވެސް އެއީ ދުނިޔޭގެ އެންމެ ކާމިޔާބު ފަސް މިސައިލް ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެއްކަމަށް ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަގްވާމީ އިންސްޓިޓިއުޓުން ބުނެއެވެ.

އީރާން އިރާގު ހަނގުރާމައަށްފަހު އިރާގު އަމިއްލައަށް ގޯސްތައް ހަދައިގެން އެމެރިކާގެ މަޅީގައި ޖެހި ހަލާކުވެގެން ދިޔައިރު އީރާންވަނީ އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ ވަރުގަދަ އަސްކަރީ ސިނާއަތެއް ގާއިމްކޮށްފައެވެ.

އީރާނުން މިހާރު ތިންހާސް ފަސް ސަތޭކަ ކިލޯމީޓަރުގެ ރާސްތާގެ މިސައިލް އުފައްދައެވެ. ޝިހާބު މަރުކާގެ އެމިސައިލަކީ އިސްރާއީލަށް ހަމަލާދެވޭވަރުގެ މިސައިލެކެވެ. ސޮއިދު މަރުކާގެ މިސައިލް ނިޒާމު އީރާނުގައި އިއްޔެ އިފްތިތާޙް ކުރީ ތެހެރާންގައި ބޭއްވި އަސްކަރީ ހަފްލާއެއްގައެވެ.

ދުނިޔޭގައި ކާމިޔާބު ކަމާއެކު މިސައިލް ޓެކްނޮލޮޖީ އާއި ރޮކެޓް ސައެންސް ތަރައްގީ ކުރާ ގައުމުތަކުގެ ތެރޭގައި އީރާނުގެ އިތުރުން އިންޑިޔާ، އުތުރުކޮރެޔާ، ދެކުނު ކޮރެޔާ، އިސްރާއީލު އަދި ޕާކިސްތާން ހިމެނެއެވެ. (އަލްއާލަމް)

comment ކޮމެންޓް