ހަމަނުޖެހުންތައް ރާވާ މީހުންގެ ގޮވާލުމަށް އިޖާބަ ނުދެއްވުމަށް ހޯމް މިނިސްޓަރު ގޮވާލައްވައިފި

ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ދިވެހި ރައްޔިތުންނާއި ދިވެހި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ގެއްލުންދީ އަނިޔާވެރިވުމަށް ބޭރުގައި ތިބެ ބަޔަކު މީހުން ރާވާ ރޭވުންތަކަށް އިޖާބަ ނުދެއްވުމަށް ހޯމް މިނިސްޓަރު ހޮނޮރަބަލް އަޒްލީން އަހްމަދު ގޮވާލައްވައިފި އެވެ.

މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ފުލުހުންގެ މެމޯރިއަލް ޑޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގެ އަމަން އާމަންކަމާއި އިސްތިގްލާލަށް އަރައިގަތުމަށް ބޭރުގެ ފަރާތްތަކާއި އަދި ދިވެހިންގެ ބަޔަކު ރާވަމުންދާ ނުބައި ރޭވުންތަކަށް ސަމާލުވާން ޖެހެ އެވެ.

ތިމާގެ އަމިއްލަ ދުނިޔަވީ ބޭނުންތަކަށާއި ޑިމޮކްރަސީގެ ނަމުގައި ފުލުހުންނަށް އަނިޔާދީ ހަމަލަދޭ ފަރާތްތަކަށް ގާނޫނީ ގޮތުން އެންމެ ހަރުކަށި އަދަބު ދެވެން ޖެހޭނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ޑިމޮކްރަސީގެ ނަމުގައި ބައެއް ފަރާތްތަކުން ރާވާރޭވުންތަކުގެ މަޅީގައި ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުން ޖެހުމަކީ ހިތާމަހުރިކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އަޅުގަނޑުމެން މުސްލިމުންގެެ ތެރޭގައި އެކަކު އަނެކެއްގެ ހައްގުތަކަށް އަރައިގަތުމާއި ފުރައްސާރަކޮށް ބިރުދެއްކުމަކީ އޮންނަން ޖެހޭނެ ކަންތައްތައް ނޫންކަމަށެވެ.

"ހިތާމައަކީ ގައުމުގެ ޒިންމާދާރު އިސްމަގާމުތަށް ފުރުއްވާފާ އެކި ސަބަބުތަކާ ހުރެ މަގާމުން އިސްތިއުފާދެއްވާފައި ނުވަތަ އެނޫންވެސް އެކި ސަބަބުތަކާ މަގާމުން ވަކިވާ ބައެއް ފަރާތްތަކުން ފުލުހުންނާ ދިމާކުރުމާއި ފުރައްސާރަކުރުމާއި އަދި ފުލުހުންނަށް އަނިޔާކުރުމަށް މީހުން ނެރުމާއި އަދި ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލުމަށް ޓީވީ ޗެނަލްތަކާއި އެނޫން ވެސް އެފަދަ ޒަރީއާ އިން ވާހަކަދައްކާ ހަދާކަމަށާއި މިފަދަ ކަންކަމަކީ ހިތާމަހުރި ކަމެއް"، އަޒްލީން ވިދާޅުވި އެވެ.

ފުލުހުންނާއި މުހާތަބުކޮށް މިއަދު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ފުލުހުންނަކީ އެމީހުންނަށް ލިބޭ މުސާރައަށް ޓަކައި މަސައްކަތްކުރާ ބައެއް ނޫންކަމަށާއި ދިވެހިރާއްޖޭގެ އަމަންއާމަން ކަން ދެމެހެއްޓުމަށާއި ދިވެހިރައްޔިތުންގެ ރައްކާތެރިކަމާއި ބޭރުގެ އަދި ދިވެހި އެކިއެކި ފަރާތްތަކުގެ އުދުވާނީ ރޭވުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ އަދި ތިބި ބައެއްކަމުގައި ފާހަގަކުރައްވާ ހިތްވަރު ދެއްވާފައެވެ.

މީގެ އިތުރުން ފުލުހުންގެ ވާޖިބުއަދާކުރުމުގެެ ތެރޭގައި އެކި ސަބަބުތަކާ ހުރެ މިދުނިޔެ ދޫކޮށްފައިވާ ހިތްވަރުގަދަ ފުލުހުންނަކީ އެމީހުންގެ ޒިންމާއަދާކުރުމުގައި އެންމެ ފަހު ވަގުތު ވެސް ފަހަތަށް ނުޖެހިތިބި ބޭފުޅުންކަމަށާއި އެ މަރުހޫމުންނަށް މާތްﷲ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށްއެދި އެމަނިކުފާނުވަނީ ދުއާ ދަންނަވާފަ އެވެ.

މިއަދުގެ ރަސްމިއްޔާތު ނިންމާލީ ދުވަހުގެ ހާއްސަ ދުއާ އަކާ އަދި ގައުމީ ސަލާމުންނެވެ.

comment ކޮމެންޓް