ހޯމަ ދުވަހު އެއްވުމެއް ބޭއްވުމުގެ ހުއްދައެއް ނުދެން: ފުލުހުން

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މި މަހުގެ 24 ވާ ހޯމަ ދުވަހު އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ރާވަމުންދާކަން އިއުލާން ކޮށްފައިވަނިކޮށް، އެފަދަ އެއްވުމެއް އެދުވަހު ބޭއްވުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމަށް ފުލުހުން ބުނެފިއެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަޚުލޫފު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ޖުލައި 24 ވާ ހޯމަ ދުވަހުގެ ހެނދުނު މާލޭގައި އެއްވުމެއް ބާއްވާނެ ކަމަށާއި، އެ އެއްވުމުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބަޔަކު މާލެ އައުމަށް ގޮވާލާ ކަމަށެވެ.

މަހުލޫފްގެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ޖުލައި 24 ވަނަ ދުވަހު ސިޔާސީ އެއްވެސް ޕާޓީއަކަށް ނުވަތަ "އެއްވެސް ގުޅިފައިވާ ޕާޓީތަކަކަށް" ސިޔާސީ އެއްވުމެއް ބާއްވަން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އަދި ސިޔާސީ އެއްވެސް ހަރަކާތެއްގައި ފުލުހުން ބައިވެރިނުވާނެ ކަމަށާއި، ސުލްހަވެރިކަމާ އެކު އެެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހުލޫފް މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި މަހުލޫފް ވިދާޅުވީ، 24 ވަނަ ދުވަހުގެ އެއްވުމަކީ، ރާއްޖޭގައި ވަކިވެފައިވާ ތިން ބާރުން ކުރެ، އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަމުންދާ ދިއުމާ ދެކޮޅު ހަދައި، އަޑު އުފުލުމަށް ބާއްވާ އެއްވުމެއް ކަމަށެވެ.

އަދި އެ އެއްވުމަކީ ގާނޫނު އަސާސީއާއި ގާނޫނީ އިންތަކުގެ ދަށުން ކުރިއަށްގެންދާނެ އެއްވުމެއް ކަމަށާއި، އެކަމަށް ހުރަސް ނާޅާނެކަމަށް ފުލުހުންގެ އިސްވެރިންވެސް ވިދާޅުވިކަމަށް މަހުލޫފް ވިދާޅުވިއެވެ.

"މި ހުރިހާ ކަމެއްވެސް މި ކުރަނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ހުރި އިންތަކާއި މިންތަކުގެ ތެރެއިން. ޣައިރު ގާނޫނީ އަމަލެއް ނުހިންގާނެކަން ފުލުހުންނާއި ސަރުކާރަށްވެސް ދަންނަވަން. އަދި ސުލްހަވެރިކަމާ އެކު ގާނޫނީ އިންތަކުގެ ތެރެއިން ކުރާ ކަންކަމަށް ވާނަމަ އެކަމަށް ހުރަސް ނާޅާނެކަމަށް އަޅުގަނޑުމެންނަށް ފުލުހުންގެ އިސްވެރިން ވަނީ ޔަގީންކަން ދެއްވާފައި،" މަހުލޫފް މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް