ހޮޅުދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ރޭ ހޮޅުދުގައި ހިނގި އަލިފާނުގެ ހާދިޘާގައި ގެއްލުންވި ސައިކަލު-- ފޮޓޯ/ ކިޔުންތެރިއެއް

ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރުގެ ވަގުތެއްގައި ރޯކޮށްލައިފިއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލާފައިވަނީ ހޮޅުދޫ މީހަކާ އިނދެގެން އުޅޭ ރަށުން ބޭރު ފުލުހެއްގެ ސައިކަލުގައެވެ.

ރޭ 3:25 ކަންހާއިރު ހިނގި މިހާދިސާގައި ރޯވި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު އެ ސައިކަލް ޕާކް ކޮށްފައިހުރި ތަނާ އިންވެގެން ހުރި ގެއަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ގެއަކީ ފުލުސް މީހާ ދިރިއުޅޭ ގެއެވެ.

ރޭ ހޮޅުދުގައި ހިނގި އަލިފާނުގެ ހާދިޘާގައި ގެއްލުންވި ސައިކަލު-- ފޮޓޯ/ ކިޔުންތެރިއެއް

ރޭ ދަންވަރު ސައިކަލުގައި ރޯވި އަލިފާންގަނޑު މާގިނަ އިރުތަކެއް ނުވެ ނިއްވާލާފައިވާއިރު އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަޞީރު ވަނީ އެފަދަ ހާދިސާއެއް އެ ރަށުގައި ރޭ ހިނގާފައިވާކަން ސަން އަށް ކަށަވަރުކޮށްދެއްވައިފައެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިސަރަށް ގުޅާލުމުން ވިދާޅުވީ ރޭ ދަންވަރު 3:25 ހާއިރު އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

comment ކޮމެންޓް