އިބްރާހީމް ދީދީގެ މައްޗަށް އަލުން ދައުވާ ކުރުމުން އިސްތިއުނާފަށް ހުށަހަޅައިފި

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށްފަހު އެ ދައުވާ އަނބުރާ ގެންގޮސް އަލުން އެ ދައުވާ ކުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވިދާޅުވީ، ދައުވާ އަނބުރާ ގެންދިއުމަށްފަހު އަލުން އެ ދައުވާ އުފުލުމުން އެކަމުގައި ބޮޑެތި އިޖުރާއީ މައްސަލަތަކެއް ހިމެނޭ ކަމަށް ގަބޫލު ކުރެވޭތީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައެވެ. އޭރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ހުންނެވީ މާލޭ އޭރިއާ ކޮމާންޑަރެއްގެ މަގާމުގައެވެ.

އެ މައްސަލައިގައި 2012 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ގާނޫނާ ޚިލާފަށް މީހަކު ހައްޔަރު ކުރި ކަމުގެ ކުށުގެ ދައުވާ ކޮށްފައެވެ. އެހެން ނަމަވެސް އެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި އެއަށްފަހު 2015 ވަނަ އަހަރު ވަނީ އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައެވެ.

އެހެން ނަމަވެސް އެ ދައުވާ އުފުލައި ހެކިބަސް ނެގުމާ ހިސާބުގައި އޮއްވައި ޕީޖީން ވަނީ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އެއަށްފަހު އެ ދައުވާ އަލުން އިބްރާހީމް ދީދީގެ މައްޗަށް ނުކުރާނެ ކަމަށް ޕީޖީން ވަނީ އޭނާއަށް އަންގާފައެވެ.

ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާއެއް އުފުލުމަށްފަހު، އެ ދައުވާ އަލުން މުރާޖާ ކުރުމަށް ނޫންގޮތަކަށް އަނބުރާ ގެންގޮސްފިނަމަ ދެވަނަ ފަހަރަށް އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ 2014 ވަނަ އަހަރު ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އިބްރާހީމް ދީދީވަނީ އެ ދައުވާއަކީ ކޮން ދައުވާއެއްކަން ސާފު ކަމަށާއި، އެހެން ނަމަވެސް ދައުވާ އިތުރަށް ސާފު ކުރުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ގާނޫނުގައިވާ ގޮތަށް ދެވެން އޮތް އެންމެ ދިގު މުއްދަތެއް ގާނޫނީ ވަކީލަކު އަައްޔަން ކުރުމަށް ފުރުސަތު ދިނުމަށް އޭނާ އެދިލެއްވިއެވެ.

އެ މައްސަލަ ބައްލަވާ ގާޒި އަލީ އާދަމް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް އިބްރާހީމް ދީދީއަށް ދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވާފައެއްނުވެ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޯގަސްޓު މަހުގެ އަށްވަނަ ދުވަހު 14:30 ގައި ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް