ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް ކަމެއް ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫނު ކޮށްފައި ނުވާ ކަމަށާއި ނުވެސް ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މައުމޫނުގެ ދަރިކަލުން ފާރިސް ހައްޔަރު ކުރުމަށް މިވަގުތު ފުލުހުން ތިބީ ފާރިސް ދިރިއުޅުއްވާ މއ. ސްނޯ ރޯސް އެޕާޓްމެންޓްގަ އެވެ. އެ އެޕާޓްމެންޓް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަނީ ބަލައި ފާސް ކުރަމުންނެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއޫއެއްގައި ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް އެއްވެސް މީހަކަށް ރިޝްވަތުދޭން ނޫޅޭ ކަމަށާއި ނުވެސް ދޭނެ ކަމަށެވެ.
"އެކަހަލަ ކަމެއް ފާރިސް ނުކުރާނެ. ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީން ކަމަކީ އެއީ،" ރައީސް މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ބޭފުޅުންނަކީ ތެދުވެރި ވަފާތެރި ބޭފުޅުން ކަމަށެވެ. އަދި މިހާރު ކުރާ މަސައްކަތަކީ އިސްލާހީ މަސައްކަތްތަކެއް ކަމަށާއި އެއްގޮތަކަށް ވެސް ރިޝްވަތު ދީގެން މެމްބަރުންތަކެއް ގަނެގެން ކުރާ ކަމެއް ނޫން ކަމަށް މައުމޫނު ވަނީ ވިދާޅުވެފަ އެވެ.
ފާރިސް މައުމޫނަކީ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.