ގާސިމްގެ ޕާސްޕޯޓު ދޫކޮށްދޭން އާއިލާއިން އެދިއްޖެ

ގާސިމް އިއްޔެ މެޑިކާ ހޮސްޕިޓަލުގައި އޮންނެވި އިރު ކުރީގެ ރައީސް މައުމޫން ގާސިމްގެ ހާލު ބަލާލުމަށް ވަޑައިގެން --- ފޮޓޯ/ ސޯޝަލް މީޑިއާ

ސިއްހީ ސީރިއަސް ހާލަތެއް ދިމާވެ، އޭޑީކޭގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އޭނާގެ ޕާސްޕޯޓު ދޫކޮށްދިނުމަށާއި، އޭނާއާ މެދު ގާނޫނީ ނިޒާމުން ބޭރުން ސަރުކާރުން މުއާމަލާތް ނުކުރުމަށް ގާސިމްގެ އާއިލާއިން ސަރުކާރަށް ގޮވާލައިފިއެވެ.

އިއްޔެ މެންދުރު ގާސިމް އޭނާގެ އޮފީހަށް ވަޑައިގަތް މަގުމަތީގައި ނޭވާ ހާސްވެ، ދާހިއްލައި ހޮޑުލަވައިގަތުމުން ކުއްލި ގޮތަކަށް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްވެވަޑައިގެންނެވިއެވެ. ހާލު އިތުރަށް ގޯސްވެ، އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ގާސިމް ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި ނަމަވެސް، އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އިމިގްރޭޝަނުން އޭނާއަށް އެންގިއެވެ. އެކަމާ ގުޅިގެން އޭނާއަށް ވަނީ ބޭރަށް ފުރޭގޮތް ނުވެފައެވެ. އިމިގްރޭޝަނުން ބުނެފައިވަނީ އެދުވަހުގެ މެންދުރުން ފެށިގެން ގާސިމް ފުރުން އޮތީ މަނާކޮށްފައި ކަމަށެވެ.

މިހާރު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމްގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާސިމް ފުރުން މަނާކޮށްފައި އޮތްކަން އެނގުނީ އިއްޔެ ރޭ ފުރަން ވަޑައިގެން ހުންނަވަނިކޮށް ކަމަށާއި، ނަމަވެސް މިހާރު އަމަލުކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، މީހެއް ފުރުން މަނާކޮށް ނެރޭ އަމުރެއްގެ މައުލޫމާތު އެމީހަކަށް ވީ އެންމެ އަވަހަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

ްކްރިމިނަލް ކޯޓުން އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމުގެ އަމުރު ނެރެ، އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވަކީލުންނާ ޙަވާލުކޮށްފައިވަނީ 16 ޖުލައި 2017 ވަނަ ދުވަހުގެ 21:34 ގައި،" ގާސިމްގެ އާއިލާއިން ބުންޏެވެ.

ގާސިމްގެ އާއިލާއިން ބުނީ ގާސިމްއަކީ ގަވައިދުން ބަލިތަކަކަށް ބޭސްކުރައްވާ ބޭފުޅެއް ކަމަށާއި، އިއްޔެ ދިމާވި ހާލަތާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރަން ވަޑައިގެންނެވީ، އިތުރު ތަހުލީލުތަކެއް ކުރުމަށާއި ފަރުވާ ހޯއްދެވުމަށް އެކަމާ ބެހޭ ޚާއްސަ ހޮސްޕިޓަލަކަށް، ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކާ ހޮސްޕިޓަލުން ލަފާދިނުމުން ކަމަށެވެ.

އެ އާއިލާއިން ބުނީ ގާސިމްގެ ސިއްހަތަށް ހައްސާސީ ހާލަތެއް ދިމާވެފައި އޮތް އިރު، އޭނާއަށް ނުފުރޭގޮތަށް ޕާސްޕޯޓު ހިފެހެއްޓުމާ މެދު ކަންބޮޑުވާ ކަމަށެވެ.

މާމިގިލި ދާއިރާގެ މެމްބަރުގެ އާއިލާއިން ވަނީ، ގާސިމްއާ މެދު ބޭއިންސާފުން އަމަލު ނުކުރުމަށާއި، ގާނޫނާ އެއްގޮތަށް ކަންކަން ކޮށް، އަދި ގާސިމް ބޭސްފަރުވާ ހޯއްދެވުމަށް ރާއްޖެއިން ފުރުމަށްޓަކައި ޕާސްޕޯޓު ދޫކޮށްދޭން ގޮވާލައިފައެވެ.

މީގެ އިތުރުން ގާސިމްއާ މެދު "ގާނޫނީ ނިޒާމުން ބޭރުން ކުރަމުން ގެންދާ އަމުރުތަކާއި، މުއާމަލާތު ކުރާ ގޮތްތަކާމެދު ކަންބޮޑުވެ، އެކަން އެގޮތަށް ނުކުރުމަށް"ވެސް ގާސިމްގެ އާއިލާއިން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

އިއްޔެ ގާސިމްގެ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލަށް ވަޑައިގަތީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް އިއްޔެ ތާވަލުކޮށްފައި އޮއްވައެވެ. ގާސިމްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އިއްޔެގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ކެންސަލްވެފައެވެ.

comment ކޮމެންޓް