ގްރީން ސްޓްރީޓްގެ އޮފިޝަލެއް ސަސްޕެންޑްކޮށް އެ ޓީމަށް އެފްއޭއެމް އިން އިންޒާރު ދީފި

25 ފެބްރުއަރީ 2017: މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ގްރީން ސްޓްރީޓް---ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގައި މިމަހުގެ 4 ވަނަ ދުވަހު ވިކްޓަރީ އަދި ގްރީން ސްޓްރީޓް ކުޅުނު މެޗުގައި ގްރީން ސްޓްރީޓްގެ ސަޕޯޓަރުން ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތައް ހިންގި ކަމަށް ބުނެ އެފްއޭއެމް އިން އެ ކްލަބަށް އިންޒާރުގެ ސިޓީއެއް ފޮނުވައިފި އެވެ.

ގްރީން ސްޓްރީޓަށް އިންޒާރު ދީފައި ވަނީ ވިކްޓަރީ މެޗަށް ފަހު އެ ޓީމުގެ ކޯޗް އަލީ ސުޒެއިންއާ ދިމާއަށް ބަހުގެ ހަމަލާތައްދީފައިވާތީ އެވެ.

އެފްއޭއެމް އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މީގެ ކުރިން ވެސް ގްރީން ސްޓްރީޓްގެ ސަޕޯޓަރުން ސަޕޯޓް ކުރުމުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލްތައް ހިންގާފައި ވާތީ މި އަހަރުގެ މާރިޗް މަހުގެ 8 ވަނަ ދުވަހު އެފަދަ އަމަލްތައް ތަކުރާނުކުރުމަށް އެދި އެ ކުލަބަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އެފްއޭއެމް އިން އިތުރަށް ބުނެފައި ވަނީ އެ އަމަލުތައް އަނެއްކާ ވެސް ތަކުރާރުކޮށްފައި ވާތީ އިންޒާރުގެ ސިޓީއެއް ގްރީން ސްޓްރީޓަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވިކްޓަރީ މެޗުގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެންވަނީ ގްރީން ސްޓްރީޓްގެ އޮފިޝަލް މުހައްމަދު މީކާއިލް ނައުފަލަށް ވެސް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އެ މެޗު ނިމުނު ފަހުން ރެފްރީންނަށް ބަހުގެ ހަމަލާދީ އަދި ރެފްރީންގެ ހައްޓަށް ހަމަލާދިންކަން ސާބިތުވާތީ އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށް 6،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

comment ކޮމެންޓް