ސްޓެލްކޯއިން ނެގި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޝަރޫ ލޯންޗު ސާވިސްއަށް ހުކުމް ކޮށްފި

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސްޓެލްކޯ އިން ޝަރޫ ލޯޗް ސާވިސް އަށް ދީފައިވާ 3،084،00 ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ފައިސާ އަކީ އެ ދެ ކުންފުނީގެ ދެމެދު ކުރުމަށްހަމަޖެހިފައިވާ މުއާމަލާތް ފުރިހަމަވެފައިނުވާ ހާލަތުގައި ސްޓެލްކޯއަށް އަނބުރާ ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ސްޓެލްކޯއަށް ލިބިދިނުމުގެގޮތުން 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ފައިސާ ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ޝަރޫ ލޯންޗު ސާވިސް އަށް އަންގާފައެވެ.

ސްޓެލްކޯ އިން ޝަރޫ ލޯންޗު ސާވިސް އަށް އެފައިސާ ދިނީ ޑޮލަރު ގަތުމަށެވެ. ސްޓެލްކޯއަށް އެ ކުންފުނިން ޑޮލަރު ގަނެދީފައިނުވާއިރު، ޑޮލަރު ގަނެދޭނެ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން ވެސް 17 މިލިއަން ރުފިޔާ އެ ކުންފުނިން ނެގިއެވެ. އެޑޮލަރު ވެސް ހޯދައިދީފައެއްނުވެއެވެ. އެ މައްސަލައާ ގުޅިގެން ބައެއް މީހުން ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް މިހާރު ވަނީ އެމީހުން ދޫކޮށްލާފައެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިކަމެއް އަދި ނޭނގެއެވެ.

comment ކޮމެންޓް