އަންހެނުންގެ އަގުވަޒަންކޮށް ދުނިޔޭގެ ފެންވަރުގައި ދޭ އެވޯޑެއް ދިވެހި ތިން އަންހެން ބޭފުޅަކަށް

"ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާރ ވިމެން އެވޯޑްސް" ލިބިލެއްވި ތިން އަންހެން ބޭފުޅުންނާއެކު ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޒާހިޔާ ޒަރީރު (ކ-ވ) ޝާއިރާ ސަލީމް، ޒާހިޔާ ރަޒީރު، އާއިޝަތު ރަފިއްޔާ، ޖުވޭރިޔާ ވަޖްދީ --- ފޮޓޯ/ ޖުވޭރިޔާ ފޭސްބުކް

އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ޝަރަފްވެރި އެވޯޑެއް ދިވެހި ތިން އަންހެން ބޭފުޅަކަށް ލިބިލައްވައިފިއެވެ.

"ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާރ ވިމެން އެވޯޑްސް" ލިބިލެއްވި ތިން އަންހެން ބޭފުޅުންނަކީ

  • ޝެރީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޝާއިރާ ސަލީމް
  • ޖުވޭސް ކެފޭ އެންޑް ރެސްޓޯރަންޓްސްގެ އޯނަރު ޖުވޭރިޔާ ވަޖްދީ
  • އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި "ރަފީ" ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް އާއިޝަތު ރަފިއްޔާ

އަދި މި އެވޯޑަށް ރާއްޖެއިން 10 އަންހެން ބޭފުޅުން ނޮމިނޭޓްވިއެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމެސިންގެ އިތުރުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ސްރީ ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގަތް ރޭ ތާޖް ސަމުދްރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން އަންހެން ބޭފުޅުންނަށް ވެސް ލިބިލައްވާފައިވަނީ ގޯލްޑް އެވޯޑެވެ.

އެވޯޑް ލިބުނު ދާއިރާތައް:

  • ޝައިރާ ސަލީމް: ބިޒްނަސް ރޯލް މޮޑެލް އޮފް ދަ އިޔާ މޯލްޑިވްސް
  • ޖުވޭރިޔާ ވަޖްދީ: އެމްޓަޕްރެނުއާ އޮފް ދަ އިޔާ މޯލްޑިވްސް
  • އާއިޝަތު ރަފިއްޔާ: ކެރިއާ އެޗީވްމަންޑް މޯލްޑިވްސް

އެެ އަންހެން ބޭފުޅުންގެ ތެރެއިން ޝައިރާ ސަލީމް އަދި ޖުވޭރިޔާ ވަޖްދީ އަށް ވަނީ މާލީ އަދި ވިޔަފާރި ދާއިރާގެ ނަމޫނާ އަންހެން ލީޑަރުން ފާހަގަކޮށް ވިމެން އޮން ބޯޑްސް (ޑަބްލިއުއޯބީ) އިން މިދިޔަ އަހަރު ދިން އެވޯޑް ލިބިލައްވާފައެވެ.

އަދި މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގުވަޒަން ކުރުމަށް ސަރުކާރުން ދޭ "ރެހެންދި އެވޯޑް" ވެސް 2014 ވަނަ އަހަރު ޖުވޭރިޔާ ވަނީ ހާސިލް ކުރައްވާފައެވެ.

އެވޯޑް ލިބުނު އާއިޝަތު ރަފިއްޔާ އަކީ ވެސް ރާއްޖޭގެ ނަމޫނާ ކަނބަލެކެވެ. އެގޮތުން ކުއީންސް ޔަންގް ލީޑާސް (ކިއުވައިއެލް)ގެ އެވޯޑް ލިބުނު ކުދީންނަށް ޔުނިވާސިޓީ އޮފް ކެބްރިޖުން ހިންގާ "ލީޑިން ޗޭންޖް" ކޯހުގެ މެންޓޯ ޕެނަލްއަށް ހޮވުނު ފުރަތަމަ އަދި ހަމައެކަނި ދިވެއްސަކީ ވެސް އެއީ އެވެ.

އޭގެ އިތުރުން، ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ އޮނޮރަރީ ޕްރެސިޑެންޓްކަން އޭނާއަށް ލިބިވަޑައިގެންނެވިއިރު، ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ހޯދި ފުރަތަމަ ދިވެއްސަކީ ވެސް ރަފިއްޔާ އެވެ.

"ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާރ ވިމެން އެވޯޑްސް" އަކީ ކެރިއަރާ އަންހެނުނާއި ވިޔަފާރިތައް ހިންގާ އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތްކުރާ ސްރީ ލަންކާގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އިން މެނޭޖްމަންޓް (ވިމް) އިން އިސްނަގައިގެން ދޭ އެވޯޑެކެވެ.

އެކަމުގެ މަގްސަދަކީ ދޭ ޖަމިއްޔާ ޖަމާއަތްތަކާއި ކެރިއަރާ އަދި ވިޔަފާރިއެއް ހިންގުމުގައި ހުނަރާއި ގާބިލިއްޔަތުކަން ބޭނުން ކޮށްގެން އަންހެނުން ހޯދާ ކާމިޔާބީ އާއި ތަޖުރިބާގެ އަގު ވަޒަން ކުރުމެވެ.

އެ އެވޯޑް ޝަރަފްވެރި ސަބަބަކީ، ބައިނަލްއަގްވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށްވާ ވޯލްޑް ބޭންކް ގްރޫޕުގެ މެމްބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ ޕާޓްނާޝިޕާއެކު ދޭ އެވޯޑަކަށް ވާތީއެވެ.

އަދި އެވޯޑަށް ނޮމިނޭޓްވާ ބޭފުޅުން އައިއެފްސީ އިން ސްކްރީންކޮށް ބެލުމަށްފަހު އެ ބޭފުޅުންނަކީ އެކަމުގެ ހައްގުވެރިންތޯ ބެލުމަށް ވޯލްޑް ބޭންކަށް ވެސް ފޮނުވާ އެކަން ޔަގީން ކުރެއެވެ.

comment ކޮމެންޓް