ސަރުކާރު ހިންގާ ޕީޕީއެމްގައި ހުރުމަށްފަހު މިހާރު އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮއެއް ކަމަށްވާ ހުސެއިން މައުރޫފަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ކުރިން ހުންނެވި މައުރޫފަށް ހަމަލާދީފައި ވަނީ ރޭ ދަންވަރު 12:00 އެހައިކަންހާއިރު، އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދަނިކޮށް ކަމަށް މައުރޫފްގެ އާއިލާއިން ބުންޏެވެ.
"ސައިކަލުގައި އައި ދެ މީހަކު ހަމަލާދޭން މަސައްކަތްކުރީ. ތޫނު އެއްޗެއް ކަރަށް އެއްޗެއް ހަރަން އުޅުނީ. އެކަމަކު އަތް ދިއްކުރުމުން ސަލާމަތްވީ. މިއީ ހަމަ އަޅުގަނޑުމެންގެ އާއިލާ އަށް ބިރުދެއްކުމުގެގޮތުން ކުރި ކަމެއް،" މައުރޫފްގެ އާއިލާ މެމްބަރަކު ބުންޏެވެ.

މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ ހުސެއިން މައުރޫފަށް އިއްޔެ ބަޔަކު ހަމަލާ ދީފައި: އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި --- ފޮޓޯ/ އާއިލާ
އާއިލާ އިން ބުނީ، އެ ހަމަލާގެ ސަބަބުން މާ ސީރިއަސް އަނިޔާތަކެެއް ނުލިބުނު ނަމަވެސް ހަށިގަނޑުގެ ބައެއް ތަންތަން ކަފައިގެން ގޮސް، އޭރު ލައިގެން ހުރި ޓީޝާޓްގެ ތަންތަން ވީދައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.
މައުރޫފާއެކު މެމްބަރު އިލްހާމްގެ ހަތަރު ކޮއްކޮ އަކު ވަނީ ސަރުކާރުގައި އެބޭފުޅުން އަދާ ކުރަމުންދިޔަ ވަޒީފާ އިން ވަކި ކޮށްފައެވެ.
މެމްބަރު އިލްހާމްގެ ކޮއްކޮމެން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއިކޮށް އަދި ޕީޕީއެމްގެ މެމްބަރު ކަމުން އިލްހާމް ވަކިވެ ވަޑައިގެންނެވުމުންނެވެ.