އަތް ފޯރާ ފަށުގައި ލިބޭނެ ހައުސިން ލޯން ސުކީމެއް ސަރުކާރުން ތައާރަފް ކުރަން ނިންމައިފި އެވެ.
އެކަން އިއުލާން ކުރީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ގުޅިގެން މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ގަވަރުނަރު ޑރ. އަޒީމާ ވިދާޅުވީ އެ ލޯން ސުކީމު ތައާރަފް ކުރުމަށް ޓަކައި ބޭންކުތަކާ މަޝްވަރާކުރަމުން އަންނަ ކަމަށާއި އަންނަ މަހުގެ ފަހުކޮޅުގައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެ ލޯނު ސުކީމަކީ ތިން އަހަރު ދުވަހުގެ ލޯނު ސްކީމެއް ކަމަށާއި އެ ސުކީމުގެ ދަށުން 2.2 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސުކީމަކީ ރާއްޖޭގެ މާކެޓުގައި ވިއްކުމަށް ތައާރަފް ކުރާ ފްލެޓު ގަތުމަށާއި އަމިއްލައަށް ދިރިއުޅުމަށް އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް ތައާރަފް ކުރާ ސްކޫމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ތިން އަހަރުގެ މުއްދަތެއްގެ ތެރޭގައި ގާތްގަނޑަކަށް ތިން އަހަރު ދުވަސްތެރޭގައި ބޭންކުތަކުގެ ޖުމްލަ ލޯނުގެ 10 ޕަސެންޓު ހުންނަން ޖެހޭނީ މި ސުކީމަށް ލޯނު ދޫކުރެވިފައޭ. ބޭންކުތަކަށް ވެސް އެއް ފަހަރާ ގިނަ އަދަދެއްގެ ލޯނުތައް ދިނުމަކީ ފަސޭހަކަމަށް ނުވާނެ. އެހެންވީމާ މިހާރަށް މިބަލަނީ ގާތްގަނޑަކަށް ބޭންކުތަކުގެ ޖުމްލަ ލޯނުގެ ތިން ޕަސެންޓު ދެވޭނެ ގޮތަކަށް ހަމަޖެހޭތޯ،" އަޒީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ 300 އާއި 350 ހައުސިން ޔުނިޓު ފައިނޭންސް ކުރެވޭނެ ވަރުގެ އަދަދެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
- މި ސުކީމުގެ ދަށުން އިންޓްރެސްޓު ރޭޓު ނަގާ އުސޫލު:
- ޑައުން ޕޭމަންޓު 20 ޕަސެންޓު ނަމަ އިންޓްރެސްޓު ރޭޓަކީ ފަސް ޕަސެންޓް
- ޑައުން ޕޭމަންޓު 10 ޕަސެންޓު ނަމަ އިންޓްރެސްޓު ރޭޓަކީ 5.5 ޕަސެންޓް
- ޑައުން ޕޭމަންޓު ފަސް ޕަސެންޓު ނަމަ އިންޓްރެސްޓު ރޭޓަކީ ހަ ޕަސެންޓު
އަޒީމާ ވިދާޅުވީ އެ ލޯނު ސުކީމުގެ ދަށުން ދޫކުރާ ލޯނުތަކުގެ މުއްދަތުގެ ތެރޭގައި މާކެޓަށް ބަދަލު އައި ކަމުގައިވީ ނަމަވެސް ލޯނުގެ ފުރަތަމަ 10 އަހަރު ތެރޭގައި އެލޯނަށް ދޫކޮށްފައިވާ ރޭޓު އިތުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް 10 އަހަރު ހަމަވުމަށް ފަހު މާކެޓަށް އަންނަ ބަދަލުތަކާ ގުޅިގެން ލޯނުގެ އިންޓްރެސްޓު ރޭޓު އިތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް އިތުރު ކުރެވޭނީ އެމްއެމްއޭ އިން ހުއްދަ ކުރާ މިންވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ސުކީމުގެ ފުރަތަމަ ފޭސްގައި ފައިސާ ދޫކުރަން ހަމަޖައްސާފައި ވަނީ ގާކޮށި އަދި އަރަބިއްޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނޭންސް ހަމަނުޖެހި ތިބި 200 އެއްހާ ފަރާތްތަކަށް ކަމަށާއި އޯގަސްޓު މަހު ފަހުކޮޅުން ފެށިގެން އެޕްލިކޭޝަން ބަލައިގަންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ގާކޮށި އަދި އަރަބިއްޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުގެ ލޯނުތަކުގެ ޑައުން ޕޭމަންޓަށްވާ ފައިސާ ގެރެންޓީ ކޮށްދިނުމަށް ޓަކައި އެމްއެމްއޭ އިން ފަންޑެއް ގާއިމްކޮށް، އެ ފަރާތްތަކުން ޑައުން ޕޭމަންޓު ނުދައްކައި ފްލެޓުގެ އަގު އެއްކޮށް ލޯނުން ފައިނޭންސް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.