ގަތަރު އިނދަޖައްސާލުމުގެ ޕްލޭނަށް ދުނިޔޭގެ ތާއީދު ނެތުމުން އެކަން ފަނުފުލުންދަނީ

އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން އާއި އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު މާކް ސިޑްވިލް އާ ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ސަބާޙުލްޚާލިދް އަލްހަމަދް އައްސަބާޙް ބައްދަލުކުރައްވަނީ

ކުވައިތު (ޖުލައި 11) : ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއްކަމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދު ނުކުރާކަން ކުވައިތު، އެމެރިކާ އަދި އިނގިރޭސިވިލާތުން ހާމަކޮށްފި އެވެ.

މިކަންހާމަކޮށްފައި ވަނީ ކުވައިތަށް ވަޑައިގެންއުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން އާއި އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު މާކް ސިޑްވިލް އާ ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ސަބާޙުލްޚާލިދް އަލްހަމަދް އައްސަބާޙް ރޭ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ކަމަށް ކުވައިތުގެ ރަސްމީ ނޫސްއެޖެންސީ "ކޫނާ" ބުނެ އެވެ.

ކުވައިތަކީ ގަލްފުގެ މައްސަލާގައި ގަތަރާ ދެކޮޅަށް ފިޔަވަޅުއެޅި ގައުމުތަކާއި ގަތަރާދެމެދު މެދުވެރިއެއްގެ ބައި އަދާކުރާ ގައުމެވެ. އެމެރިކާގެ ޚާރިޖީ ވަޒީރާއި އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ކުވައިތަށް ވަޑައިގެން މިއުޅުއްވަނީ ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަ ކުރުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. ޓިލާސަން ކުވައިތުގެ އިތުރުން ގަތަރާއި ޔުއޭއީ އަދި ސައޫދީ އަށް ޒިޔާރަތް ކުރައްވާނެ އެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ބުނެފައި ވަނީ އެދެގައުމުން މަސައްކަތްކުރާނީ ކުވައިތުން އަދާކުރާ މެދުވެރިއެއްގެ ދައުރަށް އެހީތެރިވުމުގެ މަސައްކަތް ކަމުގަ އެވެ. ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ދުނިޔޭގެ ގައުމުތަކުގެ ތާއީދު ލިބިފައެއް ނުވެ އެވެ. އަދި ގަލްފުގެ ގައުމުތައް ހުރިހާ ކަމެއްގައި ވެސް ބަރޯސާވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވެސް ސައޫދީ، ޔޫއޭއީ ބަހްރައިން އަދި މިސްރުން ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކުރުމުގެ ބަދަލުގައި އެމައްސަލަ ހައްލުކުރަން މަސައްކަތްކުރާތީ ގަތަރު އިނދަޖައްސާލުމަށް އެހަތަރު ގައުމުން ރޭވި ރޭވުން ވަނީ ނާކާމިޔާބުވެފަ އެވެ.

މިއާއެކު ގަތަރަށްވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތަކާ ކުރިމަތިލުމަށް އިތުރު ހިއްވަރެއް ވެސް ލިބިފަ އެވެ. މިހިއްވަރާ އެކު ގަތަރުންވަނީ އެގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ އެއްވެސް ކަމަކާބެހޭ ގޮތުން އެހަތަރު ގައުމާ ވާހަކަ ނުދައްކާނެ ކަމަށް ބުނެފަ އެވެ. އަދި ގަތަރުން ވަނީ އެހަތަރު ގައުމުން ކުރިން ހުށަހެޅި ޝަރުތުތަކަށް ގޮންޖަހައި ފަހުން ހުށަހެޅި ޑިމާންޑްތައް ވެސް ގަބޫލު ކުރުމަށް ދެކޮޅު ހަދާފަ އެވެ. މީގެ އިތުރުން މައްސަލަ ހައްލުކުރަން ޖެހޭނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތަކުގެ ކިބައިން ގަތަރު އެދޭކަންކަން ވެސް ހާސިލްވާގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް ދޫދޭގޮތުގެ މަތިންކަމަށް ބުނެ ގަތަރުންވަނީ އެހަތަރު ގައުމަށް ފާޅުގައި ގޮންޖަހާފަ އެވެ.

ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ދުނިޔޭގެ ތާއީދު ނެތުމުން ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރަށްވަނީ ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން ވެސް ނުކެރިފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު