ރިޒާވް ހަމަޖައްސަން އިންޑިއާ އިން ނެގި 100 މިލިޔަން ޑޮލަރު އަނބުރާ ދީފި

އެމްއެމްއޭ އިމާރާތް

ރާއްޖޭގެ ޑޮލަރު ރިޒާވް ހަމަޖެއްސުމަށް އިންޑިއާގެ ރިޒާވް ބޭންކުން ނެގި 100 މިލިޔަން ޑޮލަރު، އެ ބޭންކަށް އަނބުރާ ދައްކައިފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަހަރުގެ ފެބްރުއަރީ މަހު ހާމަކުރި ގޮތުގައި، ޑިސެމްބަރު މަހު އެމްއެމްއޭ އިން ވަނީ އިންޑިއާގެ ރިޒާވް ބޭންކާ އެކު ކަރަންސީ ސްވޮޕެއް ހަދައިފަ އެވެ.

ކަރަންސީ ސްވޮޕްއަކީ އެއް ގައުމުން އަނެއް ގައުމަކަށް ފޯރުކޮށްދޭ ފައިނޭންސް ފެސިލިޓީއެކެވެ.

މަރުކަޒީ ބޭންކުން މި ޖުލައި މަހު ނެރުނު އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ، ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 603.5 މިލިޔަން ޑޮލަރު ކަމަށާއި ބޭނުންކުރެވޭ ރިޒާވުގައި ހުރީ 248.8 މިލިޔަން ޑޮލަރު ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، އިންޑިއާ އިން ނެގި 100 މިލިޔަން ޑޮލަރުގެ ކަރަންސީ ސްޕޮވް ފެސިލިޓީ ޖޫން މަހު ދައްކާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން މިދިޔަ މަހު ޓްރެޜަރީ ބޮންޑެއް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މާކެޓުގައި ވިއްކުމާ ގުޅިގެން، ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދު އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖެ އިން ޑިސެމްބަރު މަހު ކަރަންސީ ސްޕޮވެއް ހެދީ، ޖީއެމްއާރު ކުންފުންޏަށް އެމްއޭސީއެލުން 271 މިލިޔަން ޑޮލަރު ދެއްކުމަށް ހުކުމް ކުރުމުން، އެ ފައިސާ ދެއްކުމަށް އެމްއެމްއޭ އިން ގަތް 140 ރުފިޔާގެ ބޮންޑަކާ ގުޅިގެން ރަސްމީ ރިޒާވަށް ހަމަޖެހުން ގެނައުމަށެވެ.

އެމްއެމްއޭ އިން ބުނީ، ތިން މަސް ދުވަހުގެ ތެރޭގައި، ތިން ޕަސަންޓު އިންޓްރެސްޓާ އެކު އިންޑިއާއަށް އަނބުރާ ދައްކަން ޖެހޭ ކަރަންސީ ސްވޮޕު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރެވޭނެ ކަމަށެވެ. ރާއްޖެ އިން އިންޑިއާއަށް އެ ފައިސާ އަނބުރާ ދެއްކީ ހަ މަސް ދުވަހުގެ މުއްދަތުގެ ތެރެއިންނެވެ.

comment ކޮމެންޓް