ޖޫން މަހު އެކްސްޕޯޓްސް 118 ޕަސަންޓު މައްޗަށް، އިމްޕޯޓު ޑިއުޓީއަށް 210 މިލިޔަން

ކޮންޓެއިނަރު އުފުލާ ބޯޓެއް މާލެ ވިޔަފާރި ބަނދަރާ ދިމާލަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރުގެ ޖޫން މަހު ރާއްޖެއިން ބޭރުކުރި މުދާ 118 ޕަސަންޓުން އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު 446 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 118 ޕަސަންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއިން އެކްސްޕޯޓުކުރި 446 މިލިޔން ރުފިޔާގެ މުދަލުގެ ތެރެއިން 225 މިލިޔަން ރުފިޔާގެ މުދަލަކީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލީގެ ބާވަތްތަކެވެ. ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން ތަކެތި އެކްސްޕޯޓުކުރީ ތައިލެންޑަށެވެ.

މިދިޔަ މަހު ރާއްޖެއަށް 2.9 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 210 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ޖޫން މަހު ލިބުނު އިމްޕޯޓު ޑިއުޓީއަކީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 11 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޖޫން މަހު އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރޯނިކް ސާމާނެވެ. އެގޮތުން 548 މލިޔަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ރާއްޖެ އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން 487 މިލިޔަން ރުފިޔާގެ ކާބޯތަކެތި ރާއްޖެ އެތެރެކޮށްފައިވާ އިރު 430 މިލިޔަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކޮށްފައިވެއެވެ.

comment ކޮމެންޓް