ސޫރިޔާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓާލައިފި

ސޫރިޔާގެ ދެކުނުގެ ސަރަހައްދެއް

ހަމްބާގް (ޖުލައި 8) : ސޫރިޔާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ވަކި މުއްދަތެއްނެތި ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އާއި ރަޝިޔާއާއި އުރުދުންއިން އެއްބަސްވެއްޖެ އެވެ.

މިކަން އިޢްލާންކުރީ ޖަރުމަނުގެ ހަމްބާގްގައި ކުރިޔަށްދާ ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ. އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވިދާޅުވީ ސޫރިޔާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ހިނގާ ހަނގުރާމައިގެ ސަބަބުން އަވަށްޓެރި އުރުދުން އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގަ އެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި އުރުދުން ޝާމިލްކުރަންޖެހުނީ އެއީ އުރުދުންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހިނގާ ހަނގުރާމައަކަށްވެފައި އޭގެ ނޭދެވޭ އަސަރު އުރުދުން އަށް ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ސޫރިޔާގެ ހަނގުރާމައިގެ މައިގަނޑު ކޮންޓްރޯލް އޮންނަނީ އެމެރިކާއާއި ރަޝިޔާ އަށެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމުގެ ފަހަތުގައި ރަޝިޔާ އޮންނަ އިރު ރަޝިޔާ ވަނީ އަމަލީގޮތުން ވެސް ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެންފަ އެވެ. އަނެއްކޮޅުން އެމެރިކާއަކީ ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ހަނގުރާމަކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.

އެޖަމާއަތްތަކަށް ވަގިވެރިވުމަށާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާވެސްވަނީ ކޮންމެވެސް ވަރަކަށް ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. ސޫރިޔާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ދެދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށް ނިންމިކަން ސޫރިޔާ ސިފައިންވެސް މިދިޔަ ހަފްތާގައި ވަނީ އިޢްލާންކޮށްފަ އެވެ.

ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ ހަރަކާތްތައް މިހާރު އެންމެ ބޮޑީ ސޫރިޔާގެ ހުޅަނގު ދެކުނުގެ ސަރަހައްދު ތަކުގަ އެވެ. ސޫރިޔާގެ ވައިގެ ސިފައިން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ އެސަރަހައްދުތަކުގައިވާ އިދިކޮޅު ޖަމާއަތްތަކުގެ އަމާޒުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއްދީ ހަނގުރާމަވެރިންގެ އެތައް ސަތޭކަ ބަޔަކު މަރާލާފަ އެވެ. އަނެއްކޮޅުން ސޫރިޔާގެ ހަނގުރާމައަށް ހަތްއަހަރު ފުރިފައިވާއިރު ހަނގުރާމަކޮށްގެން ބައްޝާރުގެ ސަރުކާރުގެ ވައްޓާނުލެވޭނެކަން އެމެރިކާ ވެސް މިހާރުވަނީ ގަބޫލުކުރަން ފަށާފައެވެ.

ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ސުވައިދާ، ގުނައިތިރާ، އަދި ދިރްޢާ މިތިން ޕްރޮވިންސެވެ.

ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ހަނގުރާމަކުރާ ޖަމާއަތްތަކަށް މާލީގޮތުން އެހީތެރިވާ މައިގަނޑު ދެގައުމު ކަމަށްވާ ސައޫދީ އާއި ގަތަރަ ދެމެދު ދާދިފަހުން އުފެދުނު އަރާރުންތަކުގެ ސަބަބުން އެޖަމާއަތްތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު