ދިރާގުން މޯބައިލް މަނީ ޚިދުމަތް ތައާރަފުކުރަނީ

ފައިނޭންޝަލް އެކްސްޕޯގައި ދިރާގުގެ ސްޓޯލުގައި ދިރާގު ޕޭއާ ބެހޭ މައުލޫމާތު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޓެލެކޮމް ކުންފުނި ދިރާގުން މޯބައިލް މަނީގެ ޚިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އެބަ ކުރެއެވެ.

ދިރާގުގެ މޯބައިލް މަނީ ޚިދުމަތަށް ކިޔަނީ "ދިރާގު ޕޭ"އެވެ. މި ޚިދުމަތް ދިރާގުން ދަނީ، މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އާންމުންނަށް ދައްކާލަމުންނެވެ.

މޯބައިލް މަނީ ޚިދުމަތަކީ ވޮލެޓުގައި ފައިސާ ގެންގުޅުމުގެ ބަދަލުގައި ފޯނުގައި ހުންނަ ވާޗުއަލް ވޮލެޓަކަށް ފައިސާ އަޅައިގެން، ފޯނު މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތް އަދާކުރެވޭ ޚިދުމަތެކެވެ.

ފައިނޭންޝަލް އެކްސްޕޯގައި ދިރާގުގެ ސްޓޯލުގައި ދިރާގު ޕޭއާ ބެހޭ މައުލޫމާތު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުގެ "ދިރާގު ޕޭ"އަށް ޚާއްސަ މޯބައިލް އެޕެއްވެސް ތައާރަފު ކުރާ އިރު، އިންޓަނެޓު ސަޕޯޓު ނުކުރާ ސްމާޓްފޯނު ނޫން ފޯނުތައް ގެންގުޅޭ ފަރާތްތަކަށް ޔޫއެސްޑީޑީ ކޯޑެއް ޖަހައިގެންވެސް ދިރާގު ޕޭގެ ޚިދުމަތް ބޭނުންކުރެއެވެ.

ދިރާގު ޕޭގެ ޚިދުމަތްތަކުގެ ތެރޭގައި ދެމީހެއްގެ ދެމެދުގައި ވާޗުއަލްކޮށް ފައިސާ ޓްރާންސްފަރކުރުން، ދިރާގުގެ ބިލްތައް ޕޭކުރުން، އަދި ދިރާގު ޕޭއަށް ސަޕޯޓުކުރާ ފިހާރަތަކުގައި ވިޔަފާރިކުރުމަށްފަހު ފައިސާ ދެއްކުން ހިމެނެއެވެ.

ފައިނޭންޝަލް އެކްސްޕޯގައި ދިރާގުގެ ސްޓޯލުގައި ދިރާގު ޕޭއާ ބެހޭ މައުލޫމާތު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޯނުގެ އިތުރުން، ޕީއޯއެސް މެޝިނުންވެސް މޯބައިލް މަނީގެ ޚިދުމަތް ބޭނުންކުރެވޭނެކަމަށް "ދިރާގު ޕޭ"އާ ބެހޭގޮތުން ވާހަކަދެއްކި އެކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީން އޮތޯރިޓީން ބުރާސްފަތި ދުވަހު ވަނީ، މޯބައިލް މަނީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދިރާގަށް ދީފައެވެ.

ރާއްޖޭގައި މޯބައިލް މަނީގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރީ އުރީދޫ މޯލްޑިވްސްއިންނެވެ. އެއީ 2016 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް މިދިޔަ އަހަރު އެ ޚިދުމަތް ވަނީ "އެމް ފައިސާ"ގެ ނަމަށް ރީބްރޭންޑްކޮށް، ދެވަނަ ފަހަރަށް ލޯންޗުކޮށްފައެވެ.

comment ކޮމެންޓް