މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާގެ ވާހަކައަކަށް ކުޅަދާނަ އެކްޓްރެސް އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު މިރޭ ލޯންޗުކޮށްފިއެވެ.
އޮލިމްޕަސްގައި މިރޭ ބޭއްވި ހަފްލާއެއްގައި މި ޓީޒާ ޕޯސްޓަރު ލޯންޗުކޮށްފައިވަނީ ނަހުލާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ލާލީ ސިނާންއެވެ.
ބޮސްގެ ޓީޒާ ޕޯސްޓަރ ލޯންޗުކުރުމުގެ ކުރީން ކްރިސްޓްލް އެންޓަޓެއިންމަންޓުގެ ޕްރޮޑިއުސަރު އަދި ބައްޕަ ސިނާންއަށް ޝުކުރު އަދާކޮށް ލާލީ ބުނީ، "ތެންކް ޔޫ ވެރީ މަޗް ފޯރ ދަ އޮޕޯޗުނިޓީ ޑޭޑް" އެވެ.
ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ މިފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ފިލްމީ ދާއިރާގައި މިހާރު އެންމެ މަޝްހޫރު އެއް ބަތަލާކަމަށްވާ މަރިޔަމް އައްޒަ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ މުހައްމަދު ޔުނާންގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. ފިލްމުގެ އެޑިޓިޑް ކުރަނީ މަޝްހޫރު ނެށުންތެރިޔާއަދި އެކްޓަރު ރަވީ ފާރޫގެވެ. ފިލްމުގެ ސިނެމެޓޮގްރަފީ ހަދާދީފައިވަނީ ސިނެސްޓޯމް އިންނެވެ.
ރާއްޖޭގައި 4ކޭ ކޮލިޓީގައި ތައްޔާރުކުރެވޭ ފުރަތަމަ ފިލްމު 'ބޮސް' ގެ ލަވަތައް ކިޔާފައިވާ މީހުންގެ ތެރޭގައި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި ޝަލަބީ އިބްރާހިމާއި މުހައްމަދު އަބްދުލް ޣަނީ އާއި ފާތިމަތް އަޝްފާ އާއި އިބްރާހިމް ޒައިދު އަލީގެ އިތުރުންވެސް އިތުރު ލަވަކިޔުންތެރިންނެއް ވެސް ވަނީ އެ ފިލްމުގެ ލަވަތައް ކިޔައިދީފައެވެ.
ފިލްމުގެ ޓީޒާ ޕޯސްޓަރު ލޯންޗުކުރި ހަފްލާގައި ވާހަކަމުން ފިލްމުގެ ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނީ ފިލްމުގެ ޕޯސްޓަރުގެ ރަސްމީ ލޯންޗިންގ މިރޭ އޮތްކަމުގައިވިޔަސް ފިލްމުގެ އަމަލީ މަސައްކަތް މީގެ ތިންވަރަކަށް ދުވަސްކުރިން ފެށިފައިވާ ކަމަށެވެ.