ސިހުރު ހަދާ މީހާގެ އަދަބަކީ ގަތުލުކުރުން: ހުކުރު ހުތުބާ

--

ސިހުރަކީ ﷲ ސުބުހާނަހުވަތައާލާ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި ސިހުރުގެ ވަބާ މިހާރަކަށް އައިސް އާންމު ވަމުންދާ ކަމަށާއި އެކަމުން ސަލާމަތްވެ ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ބުނެފައިވަނީ ސިހުރަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށާއި އެކަމަކީ އިސްލާމީ މުޖްތަމައެއްގައި އާންމު ވެގެންވާވަރުގެ ކަމެއް ނޫންކަމަށެވެ.

" ސިހުރުގެ ސަބަބުން ބައެއް މީހުން އަރާމް ނިދީގެ ނިއުމަތުން މަހުރޫމް ކުރުވާއިރު އަނެއްބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން ވެރިކުރުވައި،" ހުތުބާގައި ބުނެފައިވެއެވެ.

ސިހުރު ހެދުމުގެ ނުބައިކަމުގެ ވާހަކަ ތަފްސީލް ކޮށްދެމުން ހުތުބާގައި ބުނެފައިވަނީ ސިހުރު ހަދާ މީހާ ޝައިތާނާއަށް ކިޔަމަންތެރިވާން ޖެހޭ ކަމަށާއި އޭގެ ސަބަބުން އޭނާ ދީނުން ބޭރުވެގެންދާނެ ކަމަށެވެ. އަދި ސިހުރު ހަދާމީހާއަށް ކޮންމެވެސް ވަރެއްގެ ކުޅަދާނަކަމެއް ލިބިގެންދިޔަ ނަމަވެސް އެކަމަކީ ތާއަބަދަށް ދެމިގެންދާނެ ކުޅަދާނެ ކަމެއް ނޫންކަމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.

ސިހުރަކީ ހަގީގަތެއް ނޫން ކަމަށް ބައެއް މީހުން ބުންޏަސް ސިހުރަކީ ހަގީގަތެއް ކަމަށާއި އެއީ ސާބިތުވާ ކަމެއް ކަމަށްވެސް ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ސިހުރު ހަދާމީހަކީ ކާފިރެއް ކަމަށާއި އެމީހަކީ ސިހުރު ހަދާ މީހެއްކަމަށް ސާބިތުވާނަމަ ހުކުމަކީ ގަތުލުކުރުން ކަމަށެވެ. އަދި ސިހުރު ހަދާކަން ސާބިތުވާ މީހެއް ގާތު ތައުބާ ވުމަށް އެދުމެއްވެސް ނުވާ ކަމަށާއި އަދި އޭނާގެ ތައުބާ ގަބޫލުކުރުންވެސް ނުވާ ކަމަށް ހުތުބާގައިވެއެވެ.

މިއަދު އިއްވި އެ ޚުތުބާގައި ސިހުރުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ 9 ކަމެއް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައެވެ. އަދި ޚުތުބާގައި ވަނީ ސިހުރު ހަދާމީހާއަށް ހުރި ނުބައި ކަމުގެ ވާހަކަވެސް ވަރަށް ތަފްސީލްކޮށް ކިޔާދީފައެވެ.

comment ކޮމެންޓް