އެސްބީއައިގެ މޯބައިލް އެޕްލިކޭޝަނާއި އާ ޚިދުމަތެއް ތައާރަފުކޮށްފި

2015 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ މޯލްޑިވްސްގެ ސީއީއޯ ޝަންކަރު ނާރަޔަނަން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މޯބައިލް އެޕްލިކޭޝަނާއި، އެ ބޭންކުގެ އާ ޚިދުމަތެއް ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2017 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ތައާރަފު ކުރީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަނުގެ އިތުރުން، ރިކަރިންގް ޑިޕޮސިޓްސް ޚިދުމަތެވެ.

މި ދެ ޚިދުމަތް ވެސް ތައާރަފުކޮށް ދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.

އެސްބީއައިގެ މޯބައިލް އެޕްލިކޭޝަނުގެ ނަމަކީ "އެސްބީއައި މޯލްޑިވްސް އެނީވެއާ"އެވެ. އެންޑްރޮއިޑާއި އައިއޯއެސްއިން މި އެޕް މިހާރު ލިބޭނެއެވެ. މި އެޕް މެދުވެރިކޮށް އެސްބީއައި މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓާ ގުޅޭ މައުލޫމާތާއި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމާއި، ޗެކު ފޮތަށް ރިކުއެސްޓް ކުރުން ފަދަ ޚިދުމަތްތައް، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ބޭނުންކުރެވޭނެއެވެ.

އެސްބީއައިއިން މިއަދު އަލަށް ތައާރަފުކުރި ޚިދުމަތް "ރިކަރިންގް ޑިޕޮސިޓްސް"އަކީ އިންޑިއާގެ ބޭންކުތަކުން ޚާއްސަކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތަކީ، ރެގިއުލަރކޮށް އާމްދަނީ ލިބޭ މީހުންގެ އެކައުންޓުން ކަނޑައެޅިފައިވާ ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ރިކަރިންގް ޑިޕޮސިޓް އެކައުންޓަށް ޑިޕޮސިޓް ކުރެވި، ފިކްސްޑް ޑިޕޮސިޓްސްއަށް ކަނޑައަޅާފައިވާ ރޭޓުން އިންޓްރެސްޓް ހޯދޭނެ މަގެކެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާއަކީ ދިވެހިރާއްޖޭގައި ހުޅުވައި، ޚިދުމަތް ދޭންފެށި އެންމެ ފުރަތަމަ ބޭންކެވެ. އެ ބޭންކު ރާއްޖޭގައި ހުޅުވީ 1974 ވަނަ އަހަރުއެވެ.

comment ކޮމެންޓް