މެމްބަރު އަރީފު ވަނީ މިދިޔަ މާޗު މަހު ޕާޓީން ވަކިކޮށްފައި: އެމްޑީއޭ

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް: ޖޭޕީ، ޕީޕީއެމް، އެމްޑީއޭގެ މެމްބަރުކަން ވެސް ކުރެއްވި-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް މިދިޔަ މާޗު މަހުގެ އެމްޑީއޭއިން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީއޭއިން ވަކިވި ކަމަށް ބުނެ، އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށް މެމްބަރު އަރީފު ސިޓީއެއް ފޮނުވި ހަބަރާ ގުޅިގެން އެމްޑީއޭއިން މިއަދު ބުނީ މިއަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު އެމްޑީއޭގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްފައިވާ ކަމަށެވެ.

އޭނާ އެމްޑީއޭއިން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެމްޑީއޭއަށް އަންގާފަ އެވެ.

އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން އަރީފު ވަކިކޮށްފައިވާތީ، މަޖިލީހުގައި އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ތަމްސީލު ކުރައްވުން ނިމުމަކަށް ގެނައުމަށް އެމްޑީއޭއިން ވަނީ މިދިޔަ މާޗު މަހުގެ 27ގައި އެކަން މަޖިލީހަށް އަންގާފަ އެވެ.

މެމްބަރު އަރީފު އެމްޑީއޭއިން ވަކިކޮށްފައި ވަނީ އެ ޕާޓީގެ ވިޕުލައިނާ ހިލާފަށް މަޖިލީހުގައި ވޯޓު ދެއްވައި، ޕާޓީގެ އަސާސީގަވާއިދާ ހިލާފަށް އަމަލު ކުރައްވާތީ އެވެ.

އަރީފު އެމްޑީއޭއިން ވަކިކުރާން ނިންމީ މި އަހަރުގެ މާޗު މަހުގެ 9، ބޭއްވި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީންނެވެ. އެ ކޮމެޓީން ފާހަގަކޮށްފައިވާ ގޮތުގައި އަރީފު ވަކިކުރާން ނިންމީ އެމްޑީއޭގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ ޅ، އަދި ކ އާއި 18 ވަނަ މާއްދާގައި ބަޔާންކުރާ ބައެއް ހަމަތަކާ އޭނާ ޚިލާފުވެފައިވާތީ އެވެ. އެ މާއްދާތަކުގައި ބުނަނީ ޕާޓީގެ ސިޔާސަތުތައް ދިފާޢުކޮށް އެ ސިޔާސަތުތައް ކުރިއަރުވައި، ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތުތަކަށް ތަބާވާން ވާނެ ކަމަށާއި ވޯޓު ދިނުމުގައި ޕާޓީގެ ވިޕްލައިނަށް ތަބާވާން ވާންޖެހޭނެ ކަމަށެވެ.

މެމްބަރު އަރީފަކީ ސަރުކާރު ކޯލިޝަންގެ ތެރެއިން 2014 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރެކެވެ. ޖޭޕީން ވަކިވެވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމާ ވެސް އޭނާ ގުޅިވަޑައިގެންނެވި އެވެ.

މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގެންނެވުމުގެ ހދ. ނޮޅިވަރަން ކައުންސިލަރުކަން ވެސް އޭނާ އަދާކުރެއްވި އެވެ.

comment ކޮމެންޓް