މެދު ފަންތީގެ ވިޔަފާރިތަކުން ބޭންކުތަކަށް ނަގާ ފީ ލުއިކޮށްދިނުމަށް މަޓާޓޯއިން ގޮވާލައިފި

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މެދު ފަންތިއާއި ކުދި ވިޔަފާރިތަކުން ބޭންކުތަކަށް ނަގާ ފީތައް ލުއިކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ބޭންކުތަކަށް އެފަދައިން ގޮވާލީ ދަރުބާރުގޭގައި މިއަދު ފެށި ފައިނޭޝަލް އެކްސްޕޯގައެވެ. މަޓާޓޯއިން ބުނީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭންކުތަކަށް ނުވަ ޕަސެންޓާއި 11 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި އިންޓްރެސްޓު ނަގާ ކަމަށެވެ. ނަމަވެސް އެއީ އެފަދަ ވިޔަފާރިތައް ދަމަހައްޓައި ކުރިއެރުމަށް އޮތް ހުރަހެއް ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ.

އޭގެ އިތުރުން އެފަދަ ވިޔަފާރިތަކަށް އޮތް އަނެއް ގޮންޖެހުމަކީ ބޭންކުތަކުން ލޯނު ދޫކުރުމުގައި އެފަދަ ވިޔަފާރިތަކަށް ހުރަސްތަކެއް ދިމާވުން ކަމަށާއި ބޮޑު އަގުގެ އިކުއިޓީއާއި ރަހުނު ބެހެއްޓުމަކީވެސް ގޮންޖެހުމެއް ކަމަށް މަޓާޓޯއިން ބުންޏެވެ.

މިއަދު ކުރިއަށް ގެންދިޔަ ސެމިނާގައި މަޓާޓޯއިން ވަނީ އިންވާޑް ރެމިޓެންސަށާއި ބޭންކުން ފައިސާ ނެގުމާއި ކާޑުން ވިޔަފާރި ކުރުމުގެ ޚިދުމަތުގެ އިތުރުން މާޗަންޓް ފީތަކާއި ކްރޮސް ބޯޑާ ފީތައް ކުޑަކޮށްދިނުމަށް އެދި ބޭންކުތަކަށް ގޮވާލާފައެވެ. އަދި އެކަންކަން ހައްލުކޮށްދެއްވުމަށް އެމްއެމްއޭގެ އެހީއަށްވެސް އެ އެސޯސިއޭޝަނުން ގޮވާލިއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޓު ކުރާ 130 ރިސޯޓާއި، 14 ހޮޓާ، 430 ގެސްޓް ހައުސް އަދި 145 ސަފާރީ އޮންނައިރު އެތަންތަނަށް އަންނަ ފަތުރުވެރިންގެ 25 ޕަސެންޓު ހިއްސާ ކުރަނީ ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނެވެ. ޓްރެވަލް އޭޖެންޓުންގެ އިތުރުން ރާއްޖޭގެ ގެސްޓް ހައުސްތަކާއި ސަފާރީތައް މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް 40 އާއި 50 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ޖުމްލަ ކުރެވޭ އިރު ބޭންކުތަކުން އެފަދަ ވިޔަފާރިތަކަށް ލިބޭ އެއްބާރުލުން ވަރަށް ކުޑަ ކަމަށް މަޓާޓޯއިން ފާހަގަ ކުރިއެވެ.

comment ކޮމެންޓް